ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް މިއަދު ދީފިއެވެ.
ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ހުއްދަދީފައިވަނީ ފްލޯޓިން ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެން މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއަކަށެވެ.
އިންވެސްޓްމަންޓް ބޯޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެސްއީޒެޑްގެ ފުރަތަމަ އިންވެސްޓްމަންޓްގެ ގޮތުގައި މިއަދު ހުއްދަ ދޫކޮށްފައި ވަނީ މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ސޯލާ ޕަވާ ޕްލާންޓަކާއި އެ ޕްލާންޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރުމަށް ކަމަށެވެ. އަދި އެ ހުއްދައިގެ ދަށުން އެ މަޝްރޫއު ހިންގުމަށް ބޭނުންވާ ފީސިބިލިޓީ ތަހުލީލުތައް ހެދުމަށްފަހު އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހަޅައި އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ. މިއަދު ދިން ހުއްދަ އާއި އެކު މިމަޝްރޫއުގެ ދިރާސާތަކާއި އެސެސްމަންޓް މަސައްކަތް ފަށާނެ އެވެ.
މި ޕްރޮޖެކްޓު ހިންގުމަށް ހުއްދަ ދޫކޮށްފައިވަނީ ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕަރޭޝަނާއި އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރު ސަންގްރޯ ޕަވާ ސަޕްލައި ކޮމްޕެނީ ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކަށެވެ.
ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މިމަޝްރޫއުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯ އެވެ.
މިމަޝްރޫއުގެ ދަށުން މާލެ ސަރަޙައްދުގައި 150 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ލިބިގެންވާ ފްލޯޓިން ފޮޓޯ ވޮލްޓައިކް (ޕީވީ) އިންޖީނުގެއަކާއި އެއާ ގުޅުންހުރި ސިވިލް އަދި އިލެކްޓްރިކަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް، ލީ އޮން ބެޓެރީ ސިސްޓަމަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރާނެ އެވެ.
ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ އަދަދަށް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ބަދަލު ގެނެސްފައެވެ. މީގެ ކުރިން އެސްއީޒެޑްގައި އިންވެސްޓްކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓަކީ 150 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ކުޑަނޫން އިންވެސްޓްމަންޓަކަށްވާން ޖެހެ އެވެ. އެކަމަކު މިދިޔަ ޑިސެމްބަރު 17 ވަނަ ދުވަހު ރައީސް މުއިއްޒު ނެރުއްވި ގަރާރާއެކު އެސްއީޒެޑްގައި 100 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އިންވެސްޓްމަންޓްތަކަށް މިހާރު ހުށަހެޅޭނެ އެވެ.
އެސްއީޒެޑްގެ ފުރަތަމަ ހުއްދަ ބޮޑު ސޯލާ މަޝްރޫޢެއް ހިންގުމަށް ދޫކޮށްފައިވާއިރު، ނިމިދިޔަ ސަރުކާރުގައި މާލެ-ހުޅުމާލެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެތަނުން ނަގައި ރާއްޖޭގެ އެހެން ރަށަކަށް ބަދަލު ކުރައްވާނެ ކަމަށް ރައީސް ޑރ.މުޢިއްޒު މިވަނީ ވިދާޅުވެެފައެވެ. ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި، އެހެން ތަނަކަށް ބަދަލުކުރައްވަން ޑރ. މުއިއްޒު ނިންމެވީ ބްރިޖް ހައިވޭގައި ޖަހާފައިވާ ސޯލަރ ޕެނަލްތަކުގެ ސަބަބުން ބްރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ގެއްލޭކަމަށް ވިދާޅުވަމުންނެވެ.