އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު... ފޮޓޯ: މިނިސްޓްރީ

ކެންސަރުގެ ފަރުވާއަށް ޒަކާތު ފަންޑުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފި

މިދިޔަ މަހު ޒަކާތު ފަންޑުން އެންމެ ގިނަ ފައިސާ ހޭދަކޮށްފައި ވަނީ ކެންސަރު އެހީއަށް ކަމަށް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ޒަކާތު ފަންޑުން އެހީ ދީފައި ވަނީ މައިގަނޑު ފަސް ކަމަކަށެވެ. އެއީ ކެންސަރާއި ހިތުގެ އޮޕަރޭޝަންތަކަށާއި ޓްރާންސްޕްލާންޓަށާއި ސިކުނޑީގެ އޮޕްރޭޝަނަށާއި އެހެނިހެން ކަންކަމަށެވެ. އެގޮތުން ކޮށްފައިވާ ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ކެންސަރުގެ ފަރުވާއަށް 190،822.50 ރުފިޔާއާއި، ސިކުނޑީގެ އޮޕަރޭޝަންތަކަށް 180،407.19 ރުފިޔާއާއި، ހިތުގެ އޮޕަރޭޝަންތަކަށް 8،482.00 ރުފިޔާއާއި، ޓްރާންސްޕްލާންޓްތަކަށް 25،443.00 ރުފިޔާއާއި އެހެނިހެން ޚަރަދުތަކަށް 227،872.50 ރުފިޔާއެވެ. 

މާޗް މަހު ޒަކާތު ފަންޑުން އެހީ ދޫކޮށްފައި ވަނީ 52 މީހަކަށެވެ. ޒަކާތު ފަންޑުގެ ރިޕޯޓުގައި ވާގޮތުން، ޚަރަދު ކުރި ފައިސާގެ ތެރޭގައި ފެބްރުއަރީ މަހު އެހީ ހަމަޖެހުނު ބައެއް ފަރާތްތަކުގެ ޚަރަދު ވެސް ހިމެނޭނެއެވެ.

ޟަރޫރީ އެހީ ނުވަތަ ޚާއްސަ ހާލަތްތައް މެދުވެރި ވެގެން ޒަކާތު ފަންޑުންދޭ އެހީގެ ގޮތުގައި މިދިޔަ މަހު 10،007.65 ރުފިޔާ ހަމަޖައްސާފައި ވެއެވެ. އަދި އިބްނު ސަބީލް ނުވަތަ ރާއްޖެއާއި ރާއްޖޭން ބޭރުގައި ވަނިކޮށް ހާލުގައި ޖެހުނު މީހުންނަށް 248،604.00 ރުފިޔާ ޚަރަދުގެ ގޮތުގައި ހަމަޖައްސާފައި ވެއެވެ.

މިދިޔަ މަހު އެހެނިހެން ޚަރަދުގެ ގޮތުގައި ސްކޮލަޝިޕް އަދި އިދާރީ މުވައްޒަފުންގެ އުޖޫރަ ހަމަޖައްސާފައި ވެއެވެ. އެގޮތުން ސްކޮލަޝިޕްގެ ގޮތުގައި 44،563.80 އަދި މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި 374،950.28 ރުފިޔާ ހަމަޖައްސާފައި ވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް އުފެއްދެވީ 18 ޑިސެމްބަރ 2023 ގައެވެ. 

ޒަކާތު ހައުސް އުފެއްދެވީ ޒަކާތާ މެދު މީހުން އަހުލުވެރިކުރުވައި ލޯބި ޖެއްސުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

advertisement
ހިޔާލު ދެއްވާ!