އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ތިން ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވައިފިއެވެ.
ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީއަށް އޭނާ ވަޑައިގަންނަވާފައި މިވަނީ, ތައިވާނަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ބިލެއް, ރައީސް ޖޯ ބައިޑަން ތަސްދީޤު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ޝެންގްހާއީގައި ޗައިނާގެ ވިޔަފާރީގެ ދާއިރާގެ އިސް މަންދޫބުންނާ ބްލިންކަން ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި އޭނާ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލު ކުރައްވައި, މަޝްވަރާތައް ބާއްވަވާނެ ކަމަށް ވެސް ބެލެވެއެވެ. ބެއިޖިންގއާއި ވޮޝިންގޓަނުން ބުނީ, ބްލިންކަންގެ މި ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ, ދެ ޤައުމުގެ ދެމެދުގައި ހީނަރުވެފައިވާ ގުޅުންތައް އިޔާދަކޮށް, ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދަން މަސައްކަތް ކުރުން ކަމުގައެވެ.
ބައިޑަން ދާދި ފަހުން ތަސްދީޤު ކުރައްވާފައިވާ އަސްކަރީ އެހީގެ ޕެކޭޖުތަކާ ބެހޭ ބިލުގައި ތައިވާނުގެ އިތުރުން އޭޝިޔާ އަދި ޕެެސިފިކްގެ ސަރަޙައްދުގައިވާ އެމެރިކާގެ އެކުވެރިންނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް 8 ބިލިޔަން ޑޮލަރު ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން, މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ ފެންޓެނީލް އެމެރިކާގެ ރަށްތަކުގައި ޢާންމު ކުރުމަށް ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާއިން ކުރަމުންދާ ތުހުމަތުތައް ސާފު ކޮށްދިނުމަށް ވެސް, ބްލިންކަންގެ ދަތުރުފުޅުގައި ޗައިނާއިން މަސައްކަތް ކުރާނެއެވެ.