ދަރިފުޅު ހިންގި ސްކޭމުގެ ފައިސާ މަންމަ ދޭން ނުޖެހޭނެކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.
އެކި ދުވަސްވަރުގެ މަތިން މ. ފާގަތިގެ ވެރިޔާ ސުލްތާނާ އަހުމަދަށް އޮޅުވާލައިގެން އޭނާގެ ދަރިފުޅު އިބްރާހީމް ހުނައިން އަހުމަދު އެގޭގެ އެޕާޓުމެންޓުތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރާ ކަމަށްބުނެ އެޑްވާންސް ނެގުމަށްފަހު، އެޕާޓުމެންޓް ހަވާލުނުކޮށް، ހިންގި ސްކޭމުގެ ފައިސާ ގޭގެ ވެރި ފަރާތުން ދައްކަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުގައި ހައްވާ އެދިފައިވަނީ ލީސް އެގްރީމެންޓާ އެއްގޮތަށް ހަވާލުކުރުމަށް އަމުރުކޮށް ދިނުމަށް ނުވަތަ އޭނާ އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ރައްދުކޮށް ދިނުމަށް ސުލްތާނާގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
ދިފާއުގައި ސުލްތާނާ ބުނެފައިވަނީ "ދައުވާގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ ސުލްތާނާ އަހުމަދުގެ ދަރިފުޅު އިބްރާހިމް ހުނައިން އަހުމަދުގެ ފަރާތުން ސުލްތާނާ އަހުމަދަށް ނުރަނގަޅު ނުފޫޒު ފޯރުވައިގެން ވެފައިވާ އެއްބަސްވުމެއް ކަމުގައިވާތީ، މި އެއްބަސްވުމަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 03، 12 އަދި 15 ވަނަ މާއްދާއާ ހިލާފަށް ވެފައިވާ އެއްބަސްވުމެއް ކަމުން، މި އެއްބަސްވުމަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ޣައިރު ގާނޫނީ ކޮންޓްރެކްޓެއްކަމުގައި ކަނޑައަޅަންޖެހޭ ކަމަށާއި، އަދި ދައުވާގައި ހޯދުމަށް އެދިފައިވާ އެޑްވާންސް ފައިސާގެ އެއްވެސް މިންވަރެއް ދައުވާކުރާ ފަރާތުން ދައުވާ ލިބޭ ފަރާތައް ދައްކާފައި ނުވާތީ، އެ ފައިސާއަކީ ދައުވާ ލިބޭ ފަރާތުން ދައްކަން ޖެހޭ ފައިސާކަމުގައި ނުދެކޭ ކަމަށާއި ހަވާލުކުރަން ޖެހޭ ކަމަށް ބަޔާންކުރާ އެޕާޓްމެންޓް ހަވާލު ކުރަންޖެހޭނެކަމުގައި ނުދެކޭ" ކަމަށެވެ.
ދެ ފަރާތުން ދެއްކި ވާހަކަ އަޑުއެހުމަށްފަހު އެ މައްސަލައިގެ ރައުޔު އިއްވަމުން ގާޒީ އަހުމަދު އަބްދުލްމަތީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ވަނީ ކޮންޓްރެކްޓެއްގެ ބައިވެރިޔަކަށް ނުރަނގަޅު ނުފޫޒެއް އޮތްތޯ ބެލުމުގައި ދެ ކަމެއް ފުރިހަމަވާން ޖެހޭނެ ކަމަށް ކަނޑައަޅައިފައި ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު އަނެއް ބައިވެރިޔާއަށް ފޯރުވި ނުފޫޒުގެ ސަބަބުން ނުވަތަ ކުރި ކަމެއްގެ ސަބަބުން ކޮންޓްރެކްޓުގައި ސޮއިކުރުން ކަމަށް ގާޒީ ވިދާޅުވިއެވެ. އެ އުސޫލަށް ރިއާޔަތްކުރުމުގައި ނުރަނގަޅު ނުފޫޒު ފޯރުވުމުގައި އެފަދަ މަގާމެއްގައި ހުރި މީހެއްތޯ ނުވަތަ ނޫންތޯ ބަލަންވާނެ ކަމަށެވެ.
"މިހާރު ސިވިލް ކޯޓުގައި ބަލަމުން މިދާ ދައުވާގައި ބަޔާންކުރާ ކޮންޓްރެކްޓަކީ ހައްވާ ސަދާއާއި ސުލްތާނާ އަހުމަދާ ދެމެދު ވެފައިވާ ކޮންޓްރެކްޓެވެ. މި ކޮންޓްރެކްޓަށް ވަނުމަށް ނުވަތަ ކޮންޓްރެކެޓްވުމަށް ސުލްތާނާ އަހުމަދަށް އިބްރާހީމް ހުނެއިން އަހުމަދު ނުރަނގަޅު ނުފޫޒެއް ފޯރުވިކަމަށް ސުލްތާނާ އަހުމަދު ބުނާތީ، އެކަން ސާބިތުކުރުމުގެ ޒިންމާ އޮތީ ސުލްތާނާ އަހުމަދު އަށެވެ..،" ގާޒީ ވިދާޅުވިއެވެ.
"ސުލްތާނާ އަހުމަދު ކޮންޓްރެކްޓުގައި ސޮއިކުރީ އިބްރާހީމް ހުނައިން އަހުމަދު ބުނި ބަހަކަށް، އޭނާއަށް އިތުބާރުކޮށްގެން ކަމުގައި ބަލާ ހާލަތުގައި، އެ އިތުބާރާ ޔަގީންކަން ދެމިއޮންނާނީ ސުލްތާނާ އަހުމަދާއި އިބްރާހީމް ހުނައިން އަހުމަދާ ދެމެދުގައެވެ. އަދި އެ އިތުބާރާއި ޔަގީންކަން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ހުށަހެޅުނު ކަމަށްވިޔަސް އެކަމުގައި ހައްވާ ސަދާއަށް އެނގުމެއް ނުވަތަ ބަލަންޖެހޭ ބެލުމެއް އޮތްކަމަށް ބުރަނުވެއެވެ. ހައްވާ ސަދާއާއި ސުލްތާނާ އަހުމަދާ ދެމެދު ނުރަނގަޅު ނުފޫޒެއް ފޯރުވޭނެ ފަދަ ގުޅުމެއް ނެތެވެ..،"
ގާޒީ ވިދާޅުވީ ތިންވަނަ ފަރާތެއްގެ ގޮތުގައި އިބްރާހީމް ހުނައިން އަހުމަދުގެ ފަރާތުން ސުލްތާނާ އަހުމަދަށް ނުފޫޒު ފޯރުވައިގެން ހައްވާ ސަދާއާ ދެމެދު ކޮންޓްރެކްޓެއްގައި ސުލްތާނާ އަހުމަދު ބައިވެރި ކޮށްފައިވޭތޯ ބަލާ އިރު، އެފަދައިން އެކަން ވެސް ސާބިތުނުވާ ކަމަށެވެ.
ގާޒީ ވިދާޅުވީ ކޮންޓްރެކްޓުގައި އެޑްވާންސްގެ ފައިސާގެ ގޮތުގައި ބަޔާންކުރާ 400،000 ރުފިޔާ ދައްކަންޖެހޭ ކަމާމެދު ހިލާފެއް ނެތް ކަމަށާއި އެ ފައިސާ ނުލިބޭ ކަމަށް ދައުވާ ލިބޭ ފަރާތުން ބުނާތީ އެ ފައިސާ ދެއްކިކަން ސާބިތު ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ ދައުވާކުރާ ފަރާތުން ކަމަށެވެ.
ދައުވާކުރާ ފަރާތުގެ ހެކި ލިސްޓާއެކު ހުނައިންއަށް ފައިސާ ޖަމާކުރިކަމުގެ ބޭންކު ސްލިޕް ކޮޅުތައް ހުށަހެޅިއެވެ. އަދި ވަނީ 25،000 ރުފިޔާ ހުނައިން ދެއްކި ކަމަށް ބުނާ ލިޔުމެއް ހުށަހަޅައިފައެވެ. ހުނައިން އެކި ދުވަސްތަކުގެ މަތިން އެ ފައިސާ ޓްރާންސްފާ ކޮށްފައިވާނެ ކަމަށް ހައްވާގެ ފަރާތުން ހުށަހެޅި ހެކިވެރިޔަކު ބުނެފައިވާ އިރު، ހައްވާގެ ފިރިމީހާ ހެކިބަސް ދެމުން ބުނެފައިވަނީ 400،000 ރުފިޔާގެ ތެރެއިން ބައެއް ފައިސާ ދައްކާފައިވަނީ ކޭޝްކޮށް ކަމަށެވެ.
ފައިސާ ހުނައިން ހަވާލުކުރަން ޖެހެނީ ކީއްވެގެންތޯ ހައްވާގެ ފިރިމީހާ ސުވާލުކުރުމުން "އެ ގޭގެ ހުރިހާ ކަމެއް ބަލަހައްޓަކީ އޭނާ ކަމަށް" ހުނައިން ބުނެފައިވާ ކަމަށްވެސް ޙައްވާ ސަދާގެ ބަޔާނުގައިވެއެވެ.
"ކުލީގެ ކޮންޓްރެކްޓުގެ ބައިވެރިންނަކީ ސުލްތާނާ އަހުމަދާއި ހައްވާ ސަދާއެވެ. އެހެންކަމުން ކުލީގެ ފައިސާ ލިބެން ޖެހޭނީ ސުލްތާނާ އަހުމަދަށެވެ. ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށެވެ. އިބްރާހިމް ހުނައިން އަހުމަދަށް އެޑްވާންސް ފައިސާ ނުވަތަ ކުލި ދައްކައިފައިވަނީ ސުލްތާނާ އަހުމަދު ބުނެގެންކަން މައްސަލައިގައި ސާބިތު ނުކުރެވެއެވެ..،" ގާޒީ ވިދާޅުވިއެވެ. އެހެންވެ ގާޒީ ރައުޔުގައި ވިދާޅުވީ އެޑްވާންސް ފައިސާ ސުލްތާނާއަށް ލިބިފައިނުވާތީ އޭނާ އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ.
މައްސަލައިގެ ހުކުމުގައި ގާޒީ ވިދާޅުވީ ހުނައިން ދައްކާފައިވާކަން ބަޔާންކުރާ ފައިސާއަކީ ސުލްތާނާއަށް ލިބިފައިވާ ފައިސާއެއް ކަމުގައި ނުވާތީ، އެ ފައިސާ އަނބުރާ ދައްކަން ސުލްތާނާއަށް އަންގާނެ ތަނެއް ނެތް ކަމަށެވެ. އަދި ދައުވާގައި ހިމެނޭ ކޮންޓްރެކްޓުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ފައިސާ ދައްކާފައިވާކަން އެނގެން ނެތުމުން، އެ އެއްބަސްވުމުގެ ދަށުން ހަވާލުކުރަންޖެހޭ މ. ފާގަތިގެ ކިޔާ ގޯތީގައި ހަދައިފައިވާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓް ހަވާލުކުރުމަށް ސުލްތާނާއަށް އަންގާނެ ސަބަބެއް ނެތް ކަމަށް ހުކުމުގައި ގާޒީ ވިދާޅުވިއެވެ.