އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތެއްގެ ޑިޒައިން-- ފޮޓޯ: ޑރ. ޝަހީމް

އަލަށް އިމާރާތްކުރާ މިސްކިތްތަކުގެ ޑިޒައިންތައް ދައްކާލައިފި

ރ. އަލިފުއްޓާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެ ފޭސް 2ގައި އަލަށް އިމާރާތްކުރާ ތިން މިސްކިތުގެ ޑިޒައިން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ދައްކަވާލައްވައިފިއެވެ.

ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ޑިޒައިންތައް ދައްކަވާލެއްވިއިރު، ޖޫން މަހުގައި މި ޑިޒައިންތަކަށް މިސްކިތްތައް ބިނާކުރަން ފަށާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ ރިޔަން އިން ފަރުމާކުރި މި މިސްކިތްތައް ފަރުމާކޮށްފައިވަނީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި ސޯލާ ހަރުކުރެވޭ ގޮތަަށް ކަމަށްވާއިރު، މިސްކިތަކުގައި އޭސީ ވެސް ހަރުކުރެވިގެންދާނެ ކަމަށެވެ.

ރ. އަލިފުއްޓާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެ ފޭސް 2ގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތަކާއި ދެމެދު އެެއްބަސްވުމުގައި މީގެ އެއް މަސް ކުރިން ވަނީ ސޮއިކޮށްފައެވެ.

އޭގެ ތެރެއިން  732 ދުވަހުގެ ތެރޭގައި އަބްދުއްރަޙުމާން މޫސާގެ ހަރަދުގައި އަލިފުށީގައި 570 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް އެއްބަސްވެފައިވާއިރު، އައްޑޫ ސިޓީ ހުޅުދޫގައި ހުރި މޫންލައިޓް ކިޔާ ގޯތީގެ ހުރި ބިމުގައި، 200 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރަނީ މުހައްމަދު ސާލިޙް އެވެ.

މީގެ އިތުރުންވެސް ހުޅުމާލެ ފޭސް 2 ލޮޓް ނަންބަރ: 2215 ގައި މިސްކިތެއް ބިނާ ކުރުމަށް ހަމަޖެހިފައިވާއިރު، މި މިސްކިތް ބިނާކުރަނީ މުހައްމަދު ޔޫސުފްގެ އަމިއްލަ ހަރަދުގައެވެ.

advertisement
ހިޔާލު ދެއްވާ!