ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ރަޖިސްޓްރީ ކޮށްފިއެވެ.
ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އަދި ޕާޓީގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ޕާޓީ ރަޖިސްޓްރީގެ ޙިއްސާކޮށްފައެވެ.
EC in Yameen ge PNF registry kodhdheefihttps://t.co/o1YZPWkfAS
— sun.mv (@sunbrk) April 25, 2024
ޕީއެންއެފް އަކީ ރައީސް ޑރ. މުޢިއްޒު އާއި ރައީސް ޔާމީންގެ ގުޅުން ހީނަރުވެ، ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ގެ ލީޑަރުކަމުން ފެޔަށް ޖެހިވަޑައިގަތުމަށްފަހު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއެކު އުފެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޕާޓީއެކެވެ. އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގައިކަމަށްވާތީ އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
ޕީއެންއެފް ރަޖިސްޓްރީ ކުރަން ހުށަހެޅީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ހަމަވެ، ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީން ދީނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.
އޭގެ 6 ދުވަސްފަހުން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވާފައިވަނީ 329 މެންބަރުންނާއެކު ރާޅުގަނޑު ސަރަޙައްދުގައެވެ.
ޕީއެންއެފްއާއެކު އީސީގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީވެފައި އެބައޮތެވެ. އެންމެ މެންބަރުން ގިނައީ މިހާރު އިިދިކޮޅުގައި އޮތް އެމްޑީޕީގައެވެ. އެ ޕާޓީގެ ދަފްތަރުގައި 51،919 މެންބަރުން ރަޖިސްޓްރީވެފައިވާއިރު ޕީއެންސީގައި ހިމެނޭ މެންބަރުންގެ އަދަދަކީ 29236 އެވެ. ޕީޕީއެމްގައި ތިބި މެންބަރުންގެ އަދަދަކީ 35،987 އެވެ.
އެންމެ މަދު މެންބަރުންނާއެެކު ލިސްޓުގެ ފުލުގައި އޮތީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 2410 އެވެ.