“އޭވިއޭޝަން އިން ދަ މޯލްޑިވްސް: ހިސްޓޮރިކަލް ޕާސްޕެކްޓިވް"

ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ ފޮތެއް ނެރެފި

ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ތާރީޚާއި ބެހޭގޮތުން ލިޔެފައިވާ "އޭވިއޭޝަން އިން ދަ މޯލްޑިވްސް" ފޮތް ނެރެފިއެވެ.

މިފޮތް ލިޔުއްވާފައިވަނީ މިދާއިރާއަށް 19 އަހަރު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތެއްކަމުގައިވާ އަޙްމަދު މުޙައްމަދު އެވެ.

އިއްޔެ މީރުމާ ލޯންޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވާފައިވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. މިރަސްމިއްޔާތުގައި އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރެއްވި އަދި މިހާރުވެސް ކުރަމުން އަންނަ ފަރާތްތައް ބައިވެރިވިއެވެ.

މި ފޮތް ޚާއްޞަކޮށްފައިވަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތަޖުރިބާކާރުންނަށެވެ.

މިފޮތުގައި 12 ޗެޕްޓަރު ހިމެނެއެވެ. އޭގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ފުރަތަމަ ފަހަރަށް ދިވެހިންނަށް މަތިންދާ ބޯޓެއް ފެނުނު ހިސާބުން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚާ ގުޅޭ މުހިންމު މަޢުލޫމާތުތައް ހިމެނޭކަން ފާހަގަކުރެވެއެވެ. އަދި އެއަރޕޯޓު އެޅި ދުވަސްވަރު ހިނގާދިޔަ ކަންކަމާ ގުޅޭ މަޢުލޫމާތުވެސް ފޮތުގައި ހިމެނެއެވެ.

ފޮތުގައި ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފެށުނު ގޮތާއި 1903 ގައި ރާއްޖޭގައި އަލަށް މަތިންދާބޯޓެއް ދުއްވަން ފެށި ވާހަކަތައް ވެސް ހިމެނެއެވެ. އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އަންނަމުން އައި ބޮޑެތި ބަދަލުތަކާއި ކުރިއެރުންތައް ވެސް ފޮތުގައި ހިމަނާފައިވެއެވެ.

މިފޮތުގެ ހާޑް ކަވަރއާއި ސޮފްޓް ކަވަރ ކޮޕީވެސް ލިބެއެވެ. ހާޑް ކަވަރ ކޮޕީއެއްގެ އަގަކީ 200 ރުފިޔާއެވެ. ސޮފްޓް ކޮޕީއެއްގެ އަގަކީ 150 ރުފިޔާއެވެ.

advertisement
ހިޔާލު ދެއްވާ!