ސަރުކާރުން މިހާރު ޤާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިއޭޓިވް އިކޮނޮމީގެ ތެރެއިން ފިކުރީ މުދާ ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފިކުރީ މުދާ ހިމާޔަތްކުރުމުގެ ދުވަހާއި ގުޅިގެން ބީސީސީން ނެރުނު ބަޔާނެއްގައި ޒިޔާއު ވިދާޅުވީ ފިކުރީ މުދާ ރައްކާތެރިކުރުމަކީ ޤައުމުގެ ތަރައްޤީއަށް މުހިންމު ކަމެއްކަމަށެވެ.
އަދި ފަންނުވެރި އިޤުތިޞާދެއް ޤާއިމްކުރުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން ފަންނުވެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅޭނެކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.
ޒިޔާއު ވިދާޅުވީ ރާއްޖޭގައި ފަންނީ އަދި އަދަބީ މަސައްކަތްކުރާ ފަރާތްތަކުގެ އުފެއްދުންތަކުން ދެމެހެއްޓެނިވި ގޮތެއްގައި އެފަރާތްތަކަށް ނަފާ ލިބޭނެ ގޮތް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އަދި ފަންނުވެރިންނަށް ޤާނޫނީ ރައްކާތެރިކަން ނުލިބޭކަމަށާއި ފަންނުވެރިންނާއި އުފެއްދުންތެރިންގެ އިތުރުން އެހެނިހެން ނާޒުކު ގިންތިތަކުގެ މީހުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ޤާނޫނު އިތުރަށް ފުރިހަމަކުރަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ފިކުރީ މުދާ އުފެއްދުމަށް ނުވަތަ މުދާ އީޖާދުކުރާ ފަރާތްތަކަށް ޖީޑީޕީގެ މިންވަރެއް ކަނޑައެޅުން މުހިންމު ކަމަށާއި މިއީ ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުންވެސް ޢަމަލުކުރާ އުސޫލެކަން ބީސީސީން ވަނީ ފާހަގަކޮށްފައެވެ.