ހދ. ވައިކަރަދޫ ފަޅު ތެރޭގައި ގިނަ އަދަދެއްގެ މުށި މަސް މަރުވެގެން މައްޗަށް އަރަން ފަށައިފިއެވެ.
ސީދާ ވަކި އަދަދެއް އެނގިފައި ނެތަސް، ރެއިން ފެށިގެން މަސްތައް ބަލިވާން ފެށުމުން ރަށުގެ ބައެއް މީހުން ވަނީ މަސްތައް ހިފައިގެން ގެންގޮސްފައެވެ.
ރަށުގެ މީހުންގެ ފަރާތުން މަޢުލޫމާތު ލިބޭގޮތުގައި މަސްތައް މަރުވަމުން ދަނީ ފަޅުތެރޭގައި އޮއެވަރު ނުދެމޭގޮތަށް ބަނދަރުހެދިފައި އޮތުމުގެ ސަބަބުން ލޮނުގަނޑު ދައުރުނުވެ މާބޮޑަށް ހޫނުވުމުގެ ސަބަބުންނެވެ.
މިއަދު ހެނދުނުން ފެށިގެން ރަށުގެ ޒުވާނުން ނިކުމެ، މަރުވި މަސްތައް ފަޅު ތެރެއިން ނަގައި ލޮނުގަނޑު ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
2016 ވަނަ އަހަރުވެސް ވައިކަރަދޫ ފަޅުތެރޭގައި ގިނަ އަދަދެއްގެ މަސްތަކެއް މަރުވިއެވެ. އެ ފަހަރު 10،000 ވަރަކަށް މަސް ފަޅުތެރެއަށް މަރުވިއެވެ.