ދިރާގުގެ ކަސްޓަމަރުންގެ ވެރިފިކޭޝަން ޕްރޮސެސް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެކުންފުނިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ (ޑީއެންއާރް) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ކަސްޓަމަރ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް މަސްޢޫދު އަލީ އެވެ. ޑީއެންއާރްގެ ފަރާތުން ސޮއިކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އާލީ އެވެ.
ދިރާގުން ބުނީ މިއެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން ދިރާގުން ޑީއެންއާރް މެދުވެރިކޮށް، ހިދުމަތްތަކަށް އެޕްލައިކުރުމަށްޓަކައި ކަސްޓަމަރުން ހުށަހަޅާ ގައުމީ އައިޑީ ކާޑުގެ ވެރިފިކޭޝަން އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ކަށަވަރުކޮށްދީ، ކުރިއަށްވުރެ ރަނގަޅުވެގެންވެސްދާނެ ކަމަށްވެސް ބުންޏެވެ.
ޑެޕިއުޓީ މިނިސްޓަރު އަހްމަދު އާލީ ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް އިތުރު ސަލާމާތްތެރިކަން ލިބިގެންދާނެކަން ޔަޤީންކޮށްދެވޭނެ ކަމަށެވެ.
"މި ފުރުސަތުގައި ޑީއެންއާރްގެ ފުރިހަމަ އެއްބާރުލުން ދިރާގަށް އަބަދުވެސް ލިބިގެންދާނެކަމުގެ ޔަގީންކަން ދެން،" އާލީ ވިދާޅުވި އެވެ.
ދިރާގުގެ ފަރާތުން މަސްއޫދު އަލީ ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ ގުޅިގެން މުހިއްމު ޑިޖިޓަލް އިނީޝިއޭޓިވިއެއް ފެށުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ސަލަމާތްތެރިކަން ފޯރުކޮށްދީ، އެފަރާތްތަކުން އަޅުގަނޑުމެންނާ ކުރާ މުއާމަލާތްތަކުގެ ސައްހަކަން ޔަގީންވެގެން ދާނެ. އަދި މީގެ ސަބަބުން ކަސްޓަމަރުންނަށް ޚިދްމަތްދޭ އިތުރު ޗެނަލްތައް ގާއިމުވެ، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ މަގުތައް ހުޅުވިގެންދާނެކަން ޔަގީން،" މަސްއޫދު ވިދާޅުވި އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދީ، 'ޑިޖިޓަލް ރާއްޖެ' އަކަށް އެފަރާތްތައް ވާސިލްކޮށްދިނުން ކަމަށެވެ.