މޯލްޑިވިއަން އިން މާލެއާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.
މޯލްޑިވިއަން އިން ބުނީ، އެ އެއާލައިން އިން ލަންކާއަށް ރޭ ބޭއްވި ފުރަތަމަ ފްލައިޓުގައި 150 ޕެސެންޖަރުން ދަތުރުކުރި ކަމަށެވެ.
މޯލްޑިވިއަން އިން ލަންކާއަށް ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފްލައިޓް ބާއްވާނެއެވެ. މި ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ ރާއްޖެއާއި ލަންކާއާ ދެމެދު ސީދާ ދަތުރުތައް ބޭއްވުމަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު ކަމެއްކަމަށެވެ.
ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ވިދާޅުވީ މޯލްޑިވިއަން އިން ލަންކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިވެގެންދާނެ ކަމަށާއި މިއީ ރާއްޖެއަށާއި ލަންކާއަށްވެސް މުހިންމު ރޫޓެއް ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މޯލްޑިވިއަން އިން، ލަންކާއާ ދެމެދު ދަތުރުތައް ފެށުމުގެ ސަބަބުން އެކަމުގެ ފައިދާ ލަންކާ މީހުންނަށާއި ދިވެހިންނަށްވެސް ކުރާނެ ކަމަށެވެ.