ރާއްޖެއާއި ތުރުކީއާ ދެމެދު އެކުލަވާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، 214 ބާވަތެއްގެ ތަކެތި ސުން ޕަސެންޓުގައި ތުރުކީއަށް އެކްސްޕޯޓު ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖެއާއި ތުރުކީއާ ދެމެދު ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ދެގައުމުން އެކަށައަޅާ ޚާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށީ މިދިޔަ މާޗު މަހުގެ ފަހުކޮޅު އެވެ.
އެކަމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ޓްރޭޑް ނެގޯޝިއޭޝަންތައް ކުރިއަށް ގެންދިއުމުގެ ދެވަނަ ބައްދަލުވުން އިކޮނޮމިކް މިނިސްޓްރީއާއި ކަމާގުޅުންހުރި އިތުރު އިދާރާތަކާއެކު އިއްޔެ ވަނީ ބާއްވާފަ އެވެ.
އެ ބައްދަލުވުމަށްފަހު އިކޮނޮމިކް މިނިސްޓްރު މުހައްމަދު ސައީދު ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ބައެއް ބާވަތްތަކުން ސުން ޕަސެންޓުގައި ތުރުކީއަށް އެކްސްޕޯޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މިހާރު ތުރުކީ ސަރުކާރުގައި އެދިފައިވާ ކަމަށެވެ.
އެގޮތުން، ސުން ޕަސެންޓުގައި އެކްސްޕޯޓު ކުރުމަށް އެދިފައިވާ މުދަލުގެ ބާވަތްތަކުގެ ތަފްސީލު އަދި މިނިސްޓްރީން ހާމައެއްނުކުރެ އެވެ. ނަމަވެސް، ރައީސް މުއިއްޒު މިދިޔަ ފެބްރުއަރީ މަހު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުން ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެންނަން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތް ފަހުން ރާއްޖެއާއި ތުރުކީގެ ގުޅުން ބަދަހިކުރަން ވަނީ ފައްޓަވާފަ އެވެ. އެގޮތުން އެމަނިކުފާނު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެ ގައުމުގެ ދޭތެރޭ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ.
ރާއްޖޭގެ ޤައުމީ ދިފާޢީބާރުގެ އެއަރ ވިންގަށް ހޯދި ޑްރޯންއަކީވެސް ތުރުކީން ގެނެސްފައިވާ ތަކެއްޗެވެ.