އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުވޭތުގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްއާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ސަޢޫދީ ޢަރަބިއްޔާގައި މިހާރު ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.
ޑރ. ޝަހީމް ބައްދަލުކުރައްވާފައިވަނީ ކުވައިތުގެ ޒަކާތު ހައުސްގެ އެވެ.
ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުވޭތު ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޑރ މާޖިދު ސުލައިމާން އަލްޢާޒިމީއާއެކު ބޭއްވުނު ބައްދަލުވުމުގައި ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީކުރުމާއި މުވައްޒަފުންނާއި ޝަރީޢާ ބޯރޑް ތަމްރީނު ކުރުމާއި ޒަކާތުގެ ބެހެނިވެރިންގެ ޝަރުޢީ މިންގަނޑުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަަމަށެވެ.
ޒަކާތު ހައުސްއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޒަކާތު ސެކްޝަނުން މިހާރު ކުރިއަށްގެންދާ ޒަކާތާ ގުޅޭ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭ ގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަށް އުފައްދަވާފައިވާ ޒަކާތަށް ޚާއްޞަ އިދާރާއެކެވެ.
”ޒަކާތު ހައުސް” އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވަޢުދެކެވެ. އެއީ އިސްލާމީ ޝަރީއަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤާއިމުކުރެވޭ ޒަކާތާއި ޞަދަޤާތުގެ ޢަދުލުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތް ނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ ދަށުން އެކުލަވާލެވިފައިވާ އިދާރާއެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ‘ދިވެހިރާއްޖޭގެ ޒަކާތު ހައުސް’ އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. އެ ތަން ރަސްމީކޮށް އިފްތިތާޙި ކުރީ 2 ޖެނުއަރީ 2024 ގައެވެ. މި ފަންޑު އެކުލަވާލުމަށްފަހު އެ އިދާރާއިން ދަނީ އެކި ކަންކަމުގައި އެހީ ފޯރުކޮށްދެމުންނެވެ.