ދިވެހި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހަވީރު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންއެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ލަޝްކަރު ބަލާ ފާސްކޮށްދެއްވުމަށްފަހު، ކޯހުން ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް އިނާމް ޙަވާލުކޮށްދެއްވާފައެވެ.

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް ޙާޞިލްކޮށްފައިވަނީ، ޕްރައިވެޓް ޙަމްނާ ރަޝީދު އެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރުގެ އެވޯޑް ޕްރައިވެޓް އިޝްޙާޤް ޝަރީފް ޙާޞިލްކޮށްފައިވާއިރު، ހަށިހެޔޮކަމުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އައިހަމް ޢަލީ އެވެ.

އަމާޒަށް ބަޑި ޖެހުމުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް ޕްރައިވެޓް މުޙައްމަދު ރިޝްފާން ޙާޞިލްކޮށްފައިވާއިރު، މަޒުމޫން ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޢުލްވިއްޔާ އަޙްމަދު އެވެ.

އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ދަ ބޭސިކް ސްކޫލްގައެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިން ގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ކާނަލް އިބްރާހީމް އަޝްރަފެވެ. މި ކޯހުގައި ޖުމްލަ 98 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެއީ 89 ފިރިހެނުން ދަރިވަރުންނާއި 9 އަންހެން ދަރިވަރުންނެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.

advertisement
ހިޔާލު ދެއްވާ!