ޚާއްޞަ ފިޔަވަޅުތަކެއް ނާޅައިފިނަމަ ޗިކުންގުންޏާ ފެތުރޭ މިންވަރު އިތުރުވެގެން ދާނެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ،
'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޚަލީލު ވިދާޅުވީ ރާއްޖޭގައި މަދިރީގެ ޒަރީޢާއިން ފެތުރޭ ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
"ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު ދަނީ އިތުރުވަމުން. އެގޮތުން، މި މަހު އެކަނި މިހާތަނަށް މާލޭ ސަރަހައްދުން 59 ވޭދަނަ ރިޕޯޓު ކޮށްފައިވޭ. ވިއްސާރަ މޫސުން ކުރިޔަށް އޮތުމާއެކު، ޚާއްޞަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ. ޗިކުންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން. މިކަމަށް ޚާއްޞަ ސަމާލުކަން ދިނުމަށް އިލްތިމާސް ކުރަން" އެކްސްގައި ޚަލީލް ކުރެއްވި ޕޯސްޓްގައިވެއެެވެ.
ޗިކަން ގުންޔާއަކީ ޑެންގީ ހުން ފަތުރާ މަދިރީގެ ޒަރީޢާއިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސުމާއި ހުޅުހުޅު ދުޅަވުމާއި ހުން އައުން ފަދަ އުނދަގޫތައް ދިގު މުއްދަތަކަށް ދެމިގެންދެއެެވެ.
ޗިކުންގުންޔާގެ ޢަލާމާތްތައް:
- 39 ޑިގްރީ ސެލްސިއަސްއަށް ވުރެ ހުން ގަދަވުން
- ބޮލުގައާއި ގައިގައި ގަދައަށް ރިއްސުން
- ހުޅުހުޅުގައި ރިއްސުން
- ހުޅުހުޅު ދުޅަވުން
- ބަނޑުގައި ރިއްސުމާއި މޭ ނުބައިކޮށް ހޮޑުލެވުން
- ގައިގައި ބިހި ނެގުން
މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައި އޮންނަ ދަރިފުޅަށް މަންމަގެ ފަރާތުން އެ ބަލި ޖެހުމުންނާއި، ތުއްތު ކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ބަލިތައް ތަޙ ައްމަލު ކުރާ މީހުންނަށެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކާ އެންމެ މުހިންމު ކަމަކީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމެވެ. ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ބޮޑަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ނުވަތަ ސްޕްރޭ އެއް ބޭނުންކުރުމާއި، ފަތިސް ގަޑީގައި އަދި އިރުއޮއްސޭ ވަގުތު މަދިރި އުޅޭވަރު ގިނަވާތީ ގޭގެ ދޮރުތައް އެ ގަޑިތަކުގައި ލައްޕާފައި ބެހެއްޓުން ހިމެނެއެވެ.
އަދި މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ގޭތެރޭގައި ހުންނަ ފެން ހަރުލާފަދަ ތަކެތި މަދުވެގެން ހަފުތާއަކު އެއް ފަހަރު ސާފުކުރުމާއި، ފެނުގައި ގަސް ހައްދާނަމަ، މަދުވެގެން ހަފުތާއަކު އެއް ފަހަރު ފެން ބަދަލުކުރުމާއި، ގޯތިތެރޭގައި ހުންނަ ގަސްމުށި، ހުސް ތާނގީ ފަދަތަކެތި ސާފުކުރުން އަދި ފެން ނޭޅޭގޮތަށް ބަންދުކޮށްފައި ބެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން އާންމު ތަންތަނަށް ހުސްފުޅިއާއި ދަޅު ފަދަ ފެންހަރުލާ ތަކެތި އަދި ޢިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާނުލުމާއި، ޢާއްމު ތަންތަނުގައި ފެން ހަރުލާގޮތަށް ބަހައްޓާ ނުވަތަ އުކާލެވިފައިވާ ތަކެތި ނައްތާލުން ނުވަތަ ފެން ހަރުނުލާނޭހެން ބެހެއްޓުން ހިމެނެއެވެ.