ގިރާވަރުފަޅުން ގުޅީފަޅަށް 1913 ގޯތި ބަދަލުކުރަން އެދިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
2 ފަހަރެއްގެ މަތިން 1347 ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އެ ވުޒާރާއިން ހުޅުވާލި ފުރުޞަތުގައި 1913 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ގޯތި ބަދަލުކުރުމަށް އެދި ހުޅުވާލި ފުރުޞަތުގެ ތެރެއިން ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައިވަނީ 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަފޫޓުގެ 487 ގޯއްޗާއި 2450 އަކަފޫޓުގެ 4 ގޯއްޗެވެ. މިނިސްޓްރީން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ފުރުސަތު ހުޅުވައިލި ޢަދަދަށްވުރެ 566 ގޯތި ވަނީ އިތުރުވެފައެވެ. އެއީ 1250, އަދި 1650 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކެވެ.
އެމިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މިމަހުގެ 14 ވަނަ ދުވަހު އެ ވުޒާރާއިން ނެރެފައިވާ އިއުލާނުގައިވާ ގޮތުގެ މަތިން ނަން ހުށަހަޅާފައިވާ 1،913 ފަރާތުގެ މެދުގައި ގުރު ނަގައިގެން 1347 ފަރާތް ހޮވާނެއެވެ.
މިނިސްޓްރީން ކުރިން ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށްވާތީ މި ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރު ފަޅުން ބިން ދޫކޮށްފައިވާ ޢަދަދަށް ގޯތި ނުނެގޭ ކަމަށާއި އެކަމާ ގުޅިގެން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރަނީ ކަމަށެވެ.
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމާ، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީވެސް ދޫކޮށްފައިވެއެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިންވެސް ޙަވާލު ކުރިއެވެ.