ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކޯސްތައް ބައްޓަންކޮށްފައި ހުންނާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކޯހުގައި ބައިވެރިވެގެން ކިޔެވޭ ގޮތަށްކަމަށް އައިޔޫއެމްގެ ޑެޕިޔުޓީ ވައިސް ޗާންސެލަރ އަޙުމަދު އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އިސްލާމިކް ޔުނިވާސިޓީގެ ޑެޕިޔުޓީ ވައިސް ޗާންސެލަރ އަޙުމަދު އަމީން ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގައި މިހާރުވެސް ނުކުޅެދުންތެރިކަން ހުންނަ ގިނަ ޢަދަދެއްގެ ދަރިވަަރުން ކިޔަވަމުންދާ ކަމަށެވެ. ޤައުމެއް ބިނާކުރެވޭނީ ހުރިހާ ފަރާތްތަކެއްވެސް ޝާމިލްވެގެންކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިވާނެހެން ޔުނިވާސިޓީގެ ކޯސްތައް ބައްޓަންކޮށްފައިވާ ކަމަށެވެ.
ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކުންވެސް މަތީ ތަޢުލީމަށް ކިޔެވުމާއި އެ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެންޕޭނުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނުކުޅެދޭ ފަރާތްތަކަށްވެސް ތަޢުލީމާއި ތަމްރީން ލިބެންޖެހޭކަމަށާއި، އެހެންކަމުން އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވާނެމަށް ވައުދުވެވަޑައިގެންފަޢެވެ.
އަމީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ވަކި ކޯސްތަކެއް ނުވަތަ ޕްރޮގްރާމްތަކެއް ޚާއްޞަކޮށްފައިނުވާކަމަށާއި އައިޔޫއެމްގެ ހުރިހާ ޕްރޮގްރާމެއްގެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވަނީ އެފަދަ ކުދިންނަށް ފަހިވާނެ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން ވާނީ މީގެ ކުރިން ނުކުޅެދޭ ކުދިންނަށް ތަމްރީން ދިނުމުގެ ގޮތުން އަޅުގަނޑުމެންގެ ބައެއް ލެކްޗަރާއިންނާއި މުވައްޒަފުން އެފަދަ ކުދިންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމުތައް ހިންގާފައި." އަމީން ވިދާޅުވިއެވެ.
އަމީން ވަނީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނިޞްބަތަށް ބަލާއިރު އެންމެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލްކުރަމުންދަނީ އައިޔޫއެމްގައިކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކުދިން އައިޔޫއެމްގައި ޑިޕްލޮމާއާއި ޑިގްރީ ޙާޞިލްކޮށްފައިވާ ކަމަށާއި ބައެއް ދަރިވަރުން މާސްޓަރސް ޑިގްރީގެ ޕްރޮގްރާމުތައްވެސް މިހާރު ފުރިހަމަކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.