ސްޓެލްކޯގެ އެމްޑީ ޙުސައިން ފަހުމީ

ސްޓެލްކޯއިން ކުރާ ކަމަކުން ކަރަންޓު ބިލް ބޮޑުނުވާނެ

ސްޓެލްކޯއިން ކުރާ ކަމަކުން މި ޒަމާނުގައި ކަރަންޓު ބިލު ބޮޑުނުވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ކުރާ ކަމަކުން ބިލު ބޮޑު ނުވާނެކަން އެއީ އިންޖިނިއަރުންވެސް އެއްބަސްވާކަމެއް ކަމަށާއި، ބިލުކުރަމުންދަނީ ގެތަކުގައި ހުންނަ މީޓަރަށް ކަރަންޓު އަރާވަރުން ކަމަށެވެ. އަދި ސްޓެލްކޯއަށް އެ މީޓަރާއި ނުކުޅެވޭނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

"ސްޓެލްކޯ އަކުންނެއް، ދައުލަތުގެ ކުންފުންޏެއް ވީމާ އަޅުގަނޑުމެން ކުރާ ކަމަކުން ބިލު ބޮޑު ކުރެވޭނެ އެއްވެސް މެކޭނިޒަމެއް މިޒަމާނަކު ނެތް. ދެން އެއީ އިންޖިނިއަރިން ބޭފުޅުން ވެސް އެއްބަސްވާ ކަމެއް. އެހެންވީމަ ގޭގައި ހުންނަ މީޓަރަށް ހަމަ ކަރަންޓް އަރާވަރަކަށް ޖުމްލަ ގޮތެއްގައި ބިލު ކުރަމުން މިދަނީ. އެޔަކަށް އަޅުގަނޑުމެންނަކަށް ކުޅެވޭނެ ކުޅުމެއް ވެސް ނެތް." ފަހުމީ ވިދާޅުވިއެވެ.

ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި އިންސުލޭޝަން ފަދަ ގޮތް ގޮތަށް ކަރަންޓު ބިލު ކުޑަކުރެވޭނެ ގޮތްތައް ހޯދޭނެކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ، ޖުމްލަ ގޮތެއްގައި ބިލު ބޮޑު ވަނީ އަހަރަކު ދެތިން މަހު ކަމަށާއި އެހެން މަސްތަކުގައި ބިލު ކުޑަވެސް ވާ ކަމަށެވެ.

މިކަމުންވެސް ސްޓެލްކޯ ނުވަތަ ފެނަކަ އިން ބިލު ބޮޑު ނުކުރާކަން ހާމަވާކަމަށް ފަހުމީ ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!