އެންސްޕާގެ ސީއީއޯ ހީނާ ވަލީދު

ސިޔާސީ މަޤާމުތަކުގެ ޢަދަދު ވަރަށް އަވަހަށް ހާމަކުރާނަން: ހީނާ

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް ޢައްޔަންކޮށްފައިވާ ބޭފުޅުންގެ ޢަދަދުތަކާއި، ސަރުކާރުން ބޭރު ޤައުމުތަކާއެކު ހެދިފައިވާ އެއްބަސްވުންތަކުގެ މަޢުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހީނާ ވިދާޅުވީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ހާމަކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެހެންވެ ވަރަށް އަވަހަށް އެ މަޢުލޫމާތު ހާމަކުރައްވާނެ ކަމަށް އެންސްޕާގެ ސީއީއޯގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ހީނާ ވިދާޅުވިއެވެ.

"ވަރަށް އަވަހަށް ސިޔާސީ މަޤާމުތަކުގެ އެކްޒެކްޓް ފިގާ ނޫސްވެރިންނާ ހަމަޔަށް ގެނެސްދޭނަން" ހިނާ ވިދާޅުވިއެވެ. އެކަމަކު އެމަޢުލޫމާތު ޙިއްސާކުރާނެ ވަކި ދުވަހެއް ހީނާ ވިދާޅެއް ނުވެއެވެ. ނަމަވެސް މިއަދުން ފެށިގެން ކޮންމެ ހަފްތާއަކު ނޫސްވެރިންނަށް މަޢުލޫމާތު ދޭން ރައީސް އޮފީހުން ބައްދަލުވުންތައް ބާއްވާނެކަމަށް ހީނާ ވިދާޅުވިއެވެ.

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ ޢަދަދު ހޯދުމަށާއި، ޗައިނާއާއެކު ވެފައިވާ 20 އެއްބަސްވުމުގެ މަޢުލޫމާތާއި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެ ޤައުމުގެ ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތައް ހޯދަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ބައެއް މީޑިއާތަކުން ހުށަހެޅިއެވެ. އެ މައްސަލައިގެ އަޑުއެހުންތަކަށް ރައީސް އޮފީހުގެ ލީގަލް ޓީމުން ޙާޟިރުނުވެއެވެ.

އެމައްސަލާގައި ސިޔާސީ މަޤާމުތަކުގެ ޢަދަދުތަކަކީ ހިފެހެއްޓޭނެ ޢަދަދުތަކެއް ނޫން ކަމަށް އައިކޮމް އިން ނިންމާފައިވިޔަސް، އަދި މިހާތަނަށް ރައީސް އޮފީހުން އެ މަޢުލޫމާތު ހާމަކޮށްފައިނުވެއެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުން ސިޔާސީ މަޤާމުތަކަށް އައްޔަންކުރި ބޭފުޅުންގެ ޢަދަދު އުޅެނީ 1000 އިން މަތީގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވަނީ ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ. އަދި މިފަދަ ނޫސްވެރިންގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ ހަފުތާއަކު އެއް ފަހަރު ބޭއްވެވުމަށް މަސައްކަތް ކުރައްވާނެކަމުގައި ހީނާ ވަލީދު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!