ހިތްވަރާއި އޯގާތެރިކަމާއެކު މަސައްކަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށް ވަޢުދުވެ އެކަމަށް ޢަޒުމް ކަނޑައެޅުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެދިވަޑައިގެންފިއެވެ.
އެކަމަނާ މިކަމަށް އެދިވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފްލާގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިންގ އަދި ހިސާބު ހިމެނޭ "ސްޓެމް" ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމުގައި ވިދާޅުވެ، ދުނިޔޭގެ ދިރިއުޅުން ބައްޓަން ކުރުމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުން ނިސްބަތްވަނީ ސްޓެމްގެ އެކިއެކި ފަންނުތަކަށްކަމުގައި ފާހަގަ ކުރެއްވިއެވެ.
މުޖުތަމައުގައި ސްޓެމްގެ މުހިންމު ދައުރެއް އޮތް ނަމަވެސް، ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމުގައި އެކަމަނާ ވިދާޅުވިއެވެ. މިގޮތުން، އަންހެނުންނާއި ފިރިހެނުންނަށްވެސް ސްޓެމްގެ ދާއިރާތަކުން މަތީ ތައުލީމު ހޯދުމާއި، މަސައްކަތުގައި ބައިވެރިވުމާއި، ކާމިޔާބީއަށް ވާޞިލް ވާން ހުރަސްތަކެއް ހުރިކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޑިގްރީ ޙާޞިލު ކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫންކަމުގައި ވިދާޅުވެ، ދަރިވަރުންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި، ހުރިހާ ދަސްވެނިންނަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވާފައެވެ.
ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގެ ޖަލްސާގައި ސަނަދު ޙާސިލް ކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން 28 ދަރިވަރުންނާއި ސްކޫލް އޮފް ނަރސިންގ އިން 94 ދަރިވަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ހިންގި އެކިއެކި ޑިގްރީ އަދި މާސްޓަރސް ކޯސްތައް ނިންމި ދަރިވަރުންނަށް ސަނަދު ޙަވާލުކޮށްދެއްވާފައެވެ.
މީގެ އިތުރުންވެސް ޝަރަފުގެ އެވޯރޑް ލިބުނު ފަރާތްތަކުގެ ތެރެއިން ގްރޭޑް ޕޮއިންޓް އެވްރެޖް 3.5 ނުވަތަ އެއަށްވުރެ މަތި ލިބުމާއެކު، އެކި ކޯސްތަކުން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ޙާޞިލްކުރެއްވި 2 ދަރިވަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ އިނާމު ޙަވާލު ކޮށްދެއްވާފައެވެ.
ޤައުމީ ޔުނިވަރސިޓީގައި 3000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ޙާޞިލް ކުރަމުން ގެންދެއެވެ. ޔުނިވަރސިޓީގައި މިވަގުތު 11 ފެކަލްޓީއަކާއި، މާލޭ ކެމްޕަސް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ކެމްޕަސް ހިންގަމުންދެއެވެ.