ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް 1500 ޓަނުގެ ބޯފެން ހަދިޔާކޮށްފި ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ޗެއަރމަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 1500 ޓަނުގެ ބޯފެން ދިވެހިރާއްޖެއަށް ހަދިޔާކުރައްވަން ޤަސްދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެ ކުންފުނިން ހަދިޔާކުރަން ބުނި ފެނުގެ ޝިޕްމަންޓް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި އެއީ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެން ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ދިވެހި ސަރުކާރުން ނިންމަވާފައި ވަނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިކަން ދިމާވާ ޙާލަތްތަކުގައި އެ ރަށްރަށަށް އެހީގެ ގޮތުގައި މިފެން ފޯރުކޮށްދިނުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ޗައިނާގެ އޮޓޮނޮމަސް ރީޖަންގެ ޗެއާމަން ޔަން ޖިން ހައި 2023ގެ ނޮވެމްބަރުގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ބައްދަލުކުރެއްވިއެވެ. އަދި ރާއްޖެއާއި އެ ރީޖަންގެ މަސްލަހަތު ހުރި އެކި ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އޭގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަން ފުޅާކުރެވޭނެ ގޮތްތަކާއި، ސީދާ ދަތުރުތައް ފެށުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އެ ރީޖަންއާއި ރާއްޖެއާ ދެމެދުގައިވާ ސަޤާފީ އެއްގޮތް ކަންކަމާ ގުޅޭގޮތުންނާއި، ދެ ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.