ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، މިދިޔަ ރޯދަަ މަހުގެ ކަރަންޓް ބިލްތަކުން ޖުމުލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާނެކަމަށް ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯ އިން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްއމަދު ރަޝީދު ވިދާޅުވީ، ރައީސްގެ ނިންމެވުމާ އެއްގޮތަށް ރޯދަމަހުގެ ކަރަންޓާއި ފެނުގެ ބިލްތަކުން ޖުމުލަ 25 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ، ސްޓެލްކޯ އިން ބިލް ތައްޔާރުކުރާ ގޮތުން ރޯދަމަހުގެ 1 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް ބިލް ނުހެދޭ ކަމަށާއި ނަމަވެސް ރޯދަމަހުގެ ދުވަސްތައް ހިމެނޭ ދެ ބިލުންވެސް ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ.
އެގޮތުން ފެނާއި ކަރަންޓުގެ ޑިސްކައުންޓް ގޮތުގައި އެ ކުންފުނިން އެކަނިވެސް 20 މިލިއަން ރުފިޔާ ކަނޑައިދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، ރޯދަމަހުގެ ކަރަންޓު ބިލްތަކުން ޑިސްކައުންޓް ދިނުމަކީ ރައީސް ނިންމެވި ޙިކުމަތްތެރި ނިންމެވުމެއް ކަމަށާއި ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.