ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފުރަތަމަ ސެނެޓް ބައްދަލުވުން ބާއްވައި ހަތަރު ކޮމިޓީއަށް މެމްބަރުން އިންތިޚާބުކޮށްފިއެވެ.
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީޙު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތާރީޚީ ފުރަތަމަ ސެނޭޓް ބައްދަލުވުން ބޭއްވީ އިއްޔެ ކަމަށެވެ. އަދި އެއާއެކު އަސާސީ ޤަވާޢިދުގައިވާ 4 ކޮމިޓީކަމަށްވާ ސުލޫކީ, އިސްތިއުނާފު, އީސީ އަދި މެމްބަރު އެފްއާޒް ކޮމިޓީއަށް ބޭފުޅުން އިންތިޚާބުކުރެވުނު ކަމަށެވެ.
ޕީއެންއެފް އަކީ ރައީސް ޑރ. މުޢިއްޒު އާއި ރައީސް ޔާމީންގެ ގުޅުން ހީނަރުވެ، ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ގެ ލީޑަރުކަމުން ފެޔަށް ޖެހިވަޑައިގަތުމަށްފަހު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއެކު އުފައްދަވާފައިވާ ޕާޓީއެކެވެ. އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގައިކަމަށްވާތީ އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
ޕީއެންއެފް ރަޖިސްޓްރީ ކުރަން ހުށަހެޅީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ހަމަވެ، ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީން ދީނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ 6 ދުވަސްފަހުން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވާފައިވަނީ 329 މެންބަރުންނާއެކު ރާޅުގަނޑު ސަރަޙައްދުގައެވެ. އެ ޕާޓީ އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީކޮށްދިނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
ޕީއެންއެފްއާއެކު އީސީގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް މިހާރު ރަޖިސްޓްރީވެފައި އެބައޮތެވެ. އެންމެ މެންބަރުން ގިނައީ މިހާރު އިިދިކޮޅުގައި އޮތް އެމްޑީޕީގައެވެ.