Muizz
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ވިޔަ ނުދޭނެ ކަމުގެ ޔަޤީންކަން ޑރ. މުޢިއްޒު ދެއްވައިފި

މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ވިޔަ ނުދޭނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ގައުމީ ޔުނިވަސިޓީގެ މެޑިކަލް ސްކޫލު ހިންގަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފަންގިފިލާއިން އެ ސްކޫލުގެ ދަރިވަރުން ނުކުތުމަށް އެންގުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ޙިއްސާކުރުމަށް އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ރައީސް އޮފީހުގެ ބައެއް އިސް ވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ލިބިފައިވާ ކަމަށެވެ.

"އަދި ހަމަ އެހެންމެ ދަރިވަރުންގެ ތަޢުލީމީ ޙައްޤުތައް ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، އެކަމަށް އިސްކަން ދެއްވާކަމާއި، މިހާރަށްވުރެ ފުރިހަމަ ފެސިލިޓީތައް ޤާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައި" އެ ބަޔާނުގައި ބުނެއެވެ.

އެ ބަޔާނުގައި ބުނީ، އެ މައްސަލައަށް ޙައްލެއް ލިބެންދެން މެޑިކަލް ސްކޫލުގެ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ތިބެވޭނެ ކަމުގެ އުންމީދު އާވެފައިވާ ކަމަށާއި އެކަމަކީ އެތައް ސަތޭކަ ދަރިވަރުންގެ މަޞްްލަޙަތު ހިމެނޭ ކަމެއް ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލު ހިންގަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ފަންގިފިލާގައެވެ. އެ ސްކޫލުގައި 200 އަށްވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

advertisement
ހިޔާލު ދެއްވާ!