ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ނިމެންވާ އިރަށް ކުރީ ސަރުކާރުން އެ ފްލެޓުތައް ދޫކުރި ގޮތް ބަލަން އުފެއްދި ކޮމިޓީގެ މަސައްކަތް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދޫކުރަން ނިންމި ފްލެޓުތައް ލިބޭނެ ފަރާތްތަކުގެ ލިސްޓެއް އޭރު ނެރުނު ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފްލެޓުތައް ހަވާލު ކުރުން ހުއްޓުވާ އެ މައްސަލަ ބެލުމަށް ފަހު ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ. މި ސަރުކާރުން ވަނީ އެ މައްސަލަތައް ބެލުމަށް ކޮމެޓީއެއް އެކުލަވާލާފައެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ފްލެޓު ކޮމިޓީގެ މަސައްކަތް ބާރަށް ކުރިޔަށް ދާ ކަމަށެވެ.
އަދި އެކަމާ ގުޅޭ ގިނަ މައްސަލަތަކެއް އޭސީސީން ފާހަގަކޮށްފައިވާކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ ފްލެޓުތައް ހަދާ ނިމެންވާއިރަށް ކޮމިޓީގެ މަސައްކަތްތައް ނިންމައި ފްލެޓު ހަވާލު ކުރާނެ ކަމަށެވެ.