ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ޗީފް އިންސްޕެކްޓަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މިއަދު ނިޔާވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޒިޔާދެވެ.
އޭނާ ނިޔާވުމާ ގުޅިގެން ފުލުހުން ނެރުނު ތައުޒިޔާގެ މެސެޖްގައި ޒިޔާދުގެ އާއިލާ އަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ފުލުހުންގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ވަނީ ތައުޒިޔާ ފޮނުވައިފައެވެ.
އެނގިފައިވާ ގޮތުގައި ޒިޔާދު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭނާ ގޭތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޒިޔާދުގެ މަރާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.