ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މޮބައިލް ފޯނު ހިފައިގެން ނޫސްވެރިންނަށް ނުވަދެވުނުކަމަށް ބުނެ ދެކެވޭ ވާހަކަ އެ އޮފީހުން ދޮގު ކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭނެ ކަމަށް ބުނެ މީޑިޔާތަކުން ވަނީ ހަބަރު ފަތުރާފައެވެ. އަދި މިގޮތަށް ރައީސް އޮފީހުން ނިންމީ އެ އޮފީހުގެ ސަލާމަތީ އާންމު ޕްރޮޓޮކޯލްގެ ދަށުން ކަމަށް ރައީސް އޮފީހުގެ އޮފިޝަލާއި ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
ހަމައެހެންމެ ރައީސް އޮފީހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ހަބަރެއް ކަމަށެވެ.
އަދި މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީންވެސް ބައިވެރިވީ ފޯނާއި އެކުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މޮބައިލް ފޯނު ހިފައިގެން ނޫސްވެރީންނަށް ނުވަދެވުނުކަމަށް ބުނެ ފަތުރާ ޚަބަރު ޗީފް ސްޕޯކްސްޕާސަން ދޮގުކުރައްވައިފި https://t.co/u8KauQzSvn pic.twitter.com/x3p6qGWbhl
— The President's Office (@presidencymv) April 28, 2024
ރައީސް އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި ޢަމަލުކުރަމުންދާ އާއްމު އުސޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރެއްވުން ކަމަށެވެ.
ނަމަވެސް މިއަދުވެސް އަދި މީގެ ފަހުންވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރިންނަށް ފޯނާއިއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނޭ އިންތިޒާމު އެއޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ހަމަޖައްސަވައިދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.