ސިފައިންނަށް ކުއްޔަށް ދޫކޮށްފައިވާ ސިފްކޯ ފްލެޓުތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދޭނަމަ އެތަންތަން އަތުލާނެ ކަމުގެ އިންޒާރު އެމްއެންޑީއެފުން ދީފި އެވެ.
ހުޅުމާލޭގައި އިމާރާތްކޮށް ސިފައިންނަށް ދޫކޮށްފައިވާ ފްލެޓުތަކުގެ އެއްބަސްވުމުގައި ވާގޮތުން، އެތަންތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ނުދެވޭނެ އެވެ. އެހެންނަމަވެސް ސިފްކޯ ފްލެޓުތައް އެހެން ފަރާތްތަކަށް ކުއްޔަށްދޭ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިފްކޯ އެޕާޓްމަންޓުތައް ކުއްޔަށްދޭ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެއްބަސްވުމާ ހިލާފަށް އެކަން ކުރަމުންދާ ފަރާތްތަކަށް އެގޮތަށް އަމަލު ނުކުރުމަށް އަންގާފައިވާ ކަަމަށެވެ.
އަދި އެ އެ އެންގުމަށް އިހްތިރާމް ނުކޮށް ކުރިއަށް އޮތްތަނުގައި ވެސް ކުއްޔަށް ދެމުންދާނަމަ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މިހާތަނަށް އަދި އެއްވެސް ފްލެޓެއް އަތުލާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި "ސިފްކޯ ހިޔާ" ގެ މަޝްރޫ ފެށީ 2013 ވަނަ އަހަރު އެވެ. އެގޮތުން ތިން ޓަވަރުގައި 345 އެޕާޓްމަންޓު އިމާރާތްކޮށް މިހާރު އެތަންތަން ލިބުނު ސިފައިންނަށް ތަޅުދަނޑިތައް ވަނީ ހަވާލުކޮށްފަ އެވެ.