ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.. ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހަށް ފޯނު ވެއްދުން މަނާ ނުކުރާކަމަށް ބުނެ ސަރުކާރުން ހެދީ ދޮގެއްކަން ހާމަވެއްޖެ


ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޯނު ވެއްދުން މަނާ ނުކުރާކަމަށް ބުނެ ސަރުކާރުން ހެދީ ދޮގެއްކަން ހާމަވެއްޖެ އެވެ.

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް މޮބައިލް ފޯނު ހިފައިގެން ނޫސްވެރިންނަށް ނުވަދެވުނުކަމަށް ބުނެ ދެކެވޭ ވާހަކަ އެ އޮފީހުން ވަނީ ދޮގު ކޮށްފައެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ނުވެއްދޭނެ ކަމަށް އަންގާފައިވާ ކަމަށް ބުނެ މީޑިޔާތަކުގައި ވަނީ ހަބަރު ފެތުރިފައެވެ. އަދި މިގޮތަށް ރައީސް އޮފީހުން ނިންމީ އެ އޮފީހުގެ ސަލާމަތީ އާންމު ޕްރޮޓޮކޯލްގެ ދަށުން ކަމަށް ރައީސް އޮފީހުގެ އޮފިޝަލާއި ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

ހަމައެހެންމެ ރައީސް އޮފީހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ހަބަރެއް ކަމަށެވެ.

ނަމަވެސް "ރިވާޔާ ނިއުސް" އިން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ނޫސްވެރިންގެ ބައްދަލުވުމަށް ރައީސް އޮފީހަށް ދިޔުމުން ނޫސްވެރިންނަށް އަންގާފައިވަނީ ފޯނު ނުވެއްދުމަށެވެ. އެކަމާ ގުޅިގެން ގިނަ ނޫސްވެރިން ވަނީ ނުރުހުން ފާޅުކޮށް ފޯނާ ނުލައި ނޫސްވެރިންގެ ބައްދަލުމުގައި ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ.

އެެހެންވެ، ރައީސް އޮފީހުން ވަނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަނި ފޯނު ބޭނުން ކުރެވޭ ގޮތް ހަދައިފައެވެ. ނަމަވެސް ކުރިޔަށް ހުރި ނޫސްކޮންފަރެންސް ތަކުގައި ފޯނު ބޭނުން ނުކުރެވޭނެ ކަން އަންގައިފައެވެ. މީގެ ކުރިން އަބަދުވެސް ފޯނު ވެއްދުނު ރައީސް އޮފީހަށް މިހާރު ފޯނު ނުވެއްދެނީ ކޮން ސަބަބަކާއި ހެދި ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރިއެވެ.

އެކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ރައީސް އޮފީހަށް ދާދިފަހުން ހަމަޖެއްސި ތަރުޖަމާނު ހިނާ ވަލީދު ވިދާޅުވީ އެއީ ރައީސް އޮފީހާ ގުޅުން އޮތް ކަމެއް ނޫން ކަމަށާއި އެކަން މަނާ ކުރީ ސަލާމަތީ ކަންކަން ބަލަހައްޓަމުނާ އަންނަ ދިފާއީ ބާރުން ކަމަށެވެ.

 

 

advertisement
ހިޔާލު ދެއްވާ!