ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯރކްސް ޕާރސަން ހީނާ ވަލީދު..

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާ ކުރުމަށްފަހު: ހީނާ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި ބޭފުޅަކަށް ތާއީދު ކުރައްވާތޯ ސުވާލު ކޮށްފައެވެ.

އެސުވާލަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ ސަރުކާރަަށްވުރެ ބޮޑަށް މަޖިލީހުގެ ރައީސް ކަނޑައެޅުމުގެ މަޝްވަރާ ކުރިއަށްދާނީ ޕާޓީ ފެންވަރުގައި ކަމަށެވެ.

"ސަރުކާރަށްވުރެ ބޮޑަށް އެއީ އަޅުގަނޑުމެންގެ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނިންމުމުގެ ކަންކަން ކުރިއަށްދާނީ،" ހީނާ ވިދާޅުވި އެވެ.

އެ މަޝްވަރާތައް ކުރިއަށްދާނީ ޕާޓީ ލެވަލްގައި ކަމަށާއި ރައީސް މުއިއްޒުގެ އެންޑޯޒްމަންޓަކާ ގުޅޭ ގޮތުން އަދި މަޝްވަރާ ނުކުރެވޭ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބިފައިވާއިރު 20 ވަނަ ރައްޔިތުންގެ މަޖިލިސް މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު މޭ 28 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވަނީ ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި މިފަދަ ނޫސްވެރިންގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ ހަފުތާއަކު އެއް ފަހަރު ބޭއްވެވުމަށް މަސައްކަތް ކުރައްވާނެކަމުގައި ހީނާ ވަލީދު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!