ދިރިއުޅޭ އެޕާޓްމަންޓުގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ޑްރަގް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމަކާއި އެކު -/50,000ރ އިން ޖޫރިމަނާކޮށްފިއެވެ.
މުހައްމަދު ފައިސަލް (ކ. މާލެ، ހ. ހުދުހުދާ މަންޒިލް)ގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލަ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2017 ވަނައަހަރު ފައިސަލް އާއި ބިދޭސީއަކު މަގުމަތިން ހުއްޓުވައް ބަލާފާސްކުރިއިރު މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓްތަކެއް ފެނުމާއި ފައިސަލް ދިރިއުޅޭ އެޕާޓްމަންޓް ބަލާފާސްކުރުމުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައިގައެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާގޮތުން ފައިސަލް އާއި އިތުރު ބިދޭސީއަކު ސައިކަލުގައި ދަނިކޮށް ފުލުހުން ހުއްޓުވީ އެއިދާރާއަށް ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެންނެވެ. ފުލުހުން ފައިސަލް ހިފަހައްޓައި ބަލާފާސްކުރުމުން މސްތުވާ ތަކެތި އަޅާފައިހުރި ބުލެޓް ސައިޒުގެ 100 ރަބަރު ކޮތަޅު ފެނިފައިވެއެވެ. އަދި ކޯޓުއަމުރެއްގެ ދަށުން ފައިސަލް ދިރިއުޅެމުންދިޔަ މ. ފޭވަރިޓްހިލްގެ ތިން ވަނަ ފްލޯގެ އެޕާޓްމަންޓު ބަލާ ފާސްކުރުމުން 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާކަމަށް ކޯޓުން ކުރި ހުކުމުގައި ވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ފައިސަލްއާއި އެކު ހައްޔަރުކުރި ބިދޭސީ މީހާއަކީ މަސްތުވާތަކެތި ޓްރެފިކްކުރުމުގައި ފައިސަލްއާއި ބައިވެރިވި މީހެއް ނޫންކަމަށް ވަނީ ނިންމާފައެވެ.
ފައިސަލް މިމައްސަލައިގެ ތަހުގީގު އަދި ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު, ހުކުމުގެ މުއްދަތުން ކެނޑުމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ. އެގޮތުން ފައިސަލް ބަންދުގައި ހުރި 5 އަހަރާއި 6 މަހާއި 1 ދުވަސް, ހުކުމް ކުރި 11 އަހަރާއި 6 މަހާއި 1 ދުވަހުގެ ތެރެއިން އުނިކުރުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ޖޫރިމަނާ ފައިސާ 1 އަހަރުތެރޭގައި ދެއްކުމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.