ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލާފައިވާ ފަރާތްތަކަށް އަލުން ވަޒީފާގެ ފުރުޞަތު ދެނީ

އެކި އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެފައިވާ ފަރާތްތައް އަލުން ސިވިލް ސަރިވިސްގައި ވަޒީފާ އަދާކުރުމުުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ޞީއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކަށައެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިންވަނީ ނިންމަވާފައި ކަމަށެވެ.

އަދި ޞިއްޙީ ދާއިރާ އެކޭ އެއްގޮތަށް ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ އެހެން ދާއިރާތަކަށްވެސް ފުރުޞަތު ދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވާގޮތަށް، އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން، ސިވިލް ސަރވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުޤުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ވަނީ ނިންމަވާފައެވެ. އެފަދަ ވަޒީފާތަކަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން އެކިއެކި ޓެކްނިކަލަ ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށްވުމާއެކު އެފަދަ ފަރާތްތަކަށް ޚާއްޞަ 'ޕޭ ސްޓްރަކްޗަރ' އެއް އެކުލަވާލެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 އިންސައްތަ ހުރިހާ ދާއިރާއެއްގެ 'ހައިލީ ޓެކްނިކަލް ފީލްޑްތަކަށް' ޚާއްޞަކުރުމަށް ނިންމަވާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމަވާފައިވާ ސަބަބުތަކުގެ ތެރޭގައި ސިވިލް ސަރވިސްއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާޢަތުތައް ހުރި ގޮތުން މީހުން ލިބުން ދަތިނޫން މަގާމުތަކަށްވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ޚިދުމަތް ދިނުމުގައްޔާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާކަމަށް، ފާހަގަކުރެވުން ހިމެނޭކަމަށާއި، ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މީހުން ރެކްރޫޓުކުރުމަށް ހުރި ދަތިކަން ހިމެނޭކަމަށްވެސް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

advertisement
ހިޔާލު ދެއްވާ!