ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް

ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ޙަވާލުކުރުން ލާޒިމުކޮށް ބިލް ފާސްކޮށްފި

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާތާ 3 މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ޙަވާލުކުރުން ލާޒިމުކޮށް ބިމާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމު ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކުރީ، ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ. 

ދިރިއުޅުމަށް ދޫކުރާ ގޯތި ލިބުނު މީހުންގެ ލިސްޓު ނެރޭތާ ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ޙަވާލުކުރުން ލާޒިމު ކުރުމަށް ބިމާ ބެހޭ ޤާނޫނުގައި ހިމަނަން މި ބިލުގައި މަޖިލީހަށް ހުށަހެޅި ނަމަވެސް ބިލް ދިރާސާ ކުރި ކޮމިޓީން ވަނީ އެ މުއްދަތު ތިން މަސް ދުވަހަށް ކުޑަ ކޮށްފައެވެ.

މީކާއީލް ވިދާޅުވީ ޤާނޫނަށް މި އިސްލާހު ގެނައުމުގެ މައިގަނޑު ސަބަބަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ ސްކީމް" ގެ ދަށުން އެތައް އަހަރު ތަކަކަށްފަހު މާލެ ސަރަހައްދުން ދޫކުރަން ނިންމި ބަންޑާރަ ގޯތިތައް، އެ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓްގައި ޢާއްމު ކުރުމަށްފަހު އެތައް ދުވަހެއް ފާއިތުވެފައި ވީނަމަވެސް، އެ ގޯތިތައް ޙަވާލު ކޮށްފައިނުވާތީ، އެ ފަރާތްތަކުން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކަށް ގާނޫނީ ގޮތުން ހައްލެއް ހޯދައިދިނުމެވެ.

އަދި މިފަދަ މައްސަލަތައް ތަކުރާރުވެގެން ނުދާނޭކަން ކަށަވަރު ކުރުމާއި ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ޙަވާލުކުރަން ޖެހޭގޮތް ހެދުމެވެ.

advertisement
ހިޔާލު ދެއްވާ!