ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ނިސްބަތުން ވަރަށް ގިނަ ކަމަށާއި އެފަރާތްތައް ދެނެގަނެވޭނެ ގޮތެއް ނެތްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
"ޤަވާޢިދާ ޚިލާފަށް އުޅޭ ބޭރު މީހުން ނިސްބަތުން ވަރަށް ގިނަ، އެހެން ނަމަވެސް އެއީ ކިހާ ޢަދަދެއްތޯ ކޮން ބައެއްތޯ އެއީ އަދި ސަރުކާރުގެ ފަތްފުތްތަކުން ލިޔެކިޔުންތަކުން ސީދާ ކަނޑައެޅިގެން މިވެނި އަދަދެކޭ، މިވެނި މީހެކޭ އެނގިފައި އޮތް އެއްޗެއް ނޫން އަޅުގަނޑުމެންނާ ހިސާބަށް ސަރުކާރު އައިއިރުގައި،". ވަޒީރު ވިދާވިއެވެ.
އެ ވުޒާރާއިން މިހާރު ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވަމުން އިޙްސާން ވިދާޅުވީ މިހާރުން ފެށިގެން އެއް އަހަރުތެރޭގައި، އެ ވުޒާރާގެ ރިކޯޑުގައި ޖެހުމުގެ ފުރުސަތު ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަށް ލިބޭނެ ކަމަށެވެ.
އިޙްސާން ވިދާޅުވީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ބެހޭ މައުލޫމާތު ހޯދަމުން ދާ ކަމަށާއި، އެމީހާ ހުރީ ކޮންތާކުތޯއާއި ކާކުގެ ބެލުމުގެ ދަށުގައި ކޮން ރަށެއްގައިތޯވެސް ބަލަމުންދާ ކަމަށެވެ.
"މިކުރާ މަސައްކަތަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ޚާއްސަކޮށް އަންސްކިލްޑް ލޭބާ ކެޓަގަރީގައި ތިބި ހުރިހާ ބިދޭސީން 10 އިނގިލީގެ ނިޝާން ނަގާފަ އެމީހުންގެ ފޮޓޯއެއް ނަގާފަ އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރި ވާރކްޕާމިޓް ރިކޯޑްތަކާއި އެމީހުންނާއި ދިމާކުރަނީ."، އިޙްސާން ވިދާޅުވިއެވެ.
އަދި ހަމައެއާއެކު ބައެއް ބިދޭސީންނަކީ އެއްވެސް ރަސްމީ އައިޑެންޓިފިކޭޝަނެއްވެސް ނެތް މީހުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމީހުންވެސް ހިމެނޭގޮތަށް ހުރިހާ ބިދޭސީން ސިސްޓަމުގެ ތެރެޔަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިޙްސާން ވިދާޅުވިއެވެ.
މީގެއިތުރުން ކާކުކަން އެއްގޮތަކަށްވެސް ނޭނގޭ މީހުން އެ ގައުމެއްގެ އެމްބަސީއާ ގުޅިގެން ހޯދާނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.