މި ސަރުކާރުން ވެރިކަމާއި ޙަވާލުވިފަހުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދައްކައި ބެކްލޮކް ކްލިއާ ކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދާ "އަހާ" ފޯރަމްގައި މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާއާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ދުވަހާއި ހަމައަށް މަސްވެރިންނަށް ނުދެއްކި 250 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ހުރި ކަމަށެވެ.
"އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދު މަހުގެ އަގަށް ބަދަލު ގެނައި އޭރުގެ ސަރުކާރުން. މަހުގެ އަގު 17 ރުފިޔާއަށް ހުށްޓާ 25 ރުފިޔާއަށް މަހުގެ އަގު ބަދަލުކޮށްފައިވަނީ. އެ ބަދަލާއެކު އޭގެ ފަހުން މަސްވެރިންނަށް ފައިސާ ނުދެވި އޮތް ޢަދަދު އެއީ."، ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގެ މާލީ ޙާލަތު ހުރި ގޮތުގެ ސަބަބުން ކުއްލިއަކަށް އެ ފައިސާ ދައްކަން ސަރުކާރަށް އުނދަގޫވި ކަމަށާއި، ނަމަވެސް ނިމިދިޔަ ރޯދަ މަހުގެ ކުރިން އެ ފައިސާ ދައްކާ ޚަލާޞްކުރެއްވުމަށް ރައީސް ބޭނުންފުޅުވިކަމަށެވެ.. އެހެންކަމުން 17 ނޮވެމްބަރުން ފެށިގެން އެ ފައިސާ ސަރުކާރަށް ދެއްކޭ ވަރަކުން ދައްކަމުން ދިޔަ ކަމަށާއި، ރޯދަ މަހުގެ ކުރިން ބެކްލޮގް އެއްކޮށް ކްލިއާ ކޮށްފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
"ރައީސް ޒަޢާމަތާއި ހަވާލުވެވަޑައިގެން ފަހުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ މިއަދާ ހަމައަށް ދެއްކިއްޖެ. 27 މިލިއަން ރުފިޔާ އެބައޮތް ޑިއު. މަސްވެރިން ރަނގަޅަށް މަސްބާނަ ކަމަށްވާނަމަ އެ ދުވަހުން ދުވަހަށް ފައިސާ ނުދެއްކޭނަމަ ހުންނާނެ ފައިސާ. އެހެން ނަމަވެސް މި ފައިސާ މި މަސް ނިންމާފަ މިފްކޯއިން ދައްކާނެ.". ޝިޔާމް ވިދާޅުވިއެވެ.
މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިން ފައިސާ ދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދެކެވެ.