ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު

މި އަހަރު ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފަށާނެ: މިނިސްޓަރު ޚަލީލް

މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލަސިސްގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލުކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް އޮތް ޑިމާންޑު ކުޑަކުރުމަށް ސަރުކާރުން ތަފާތު މަސައްކަތްތައް ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އަތޮޅު ހޮސްޕިޓާތަކާއި ސަރަހައްދީ ހޮސްޕިޓާތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު މިހާރު އެތަންތަނުން ނުލިބޭ އައު ޚިދުމަތްތައް ތައާރަފުކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށެވެ.

އެގޮތުން މީގެ ކުރިން ސަރަހައްދީ ހޮސްޕިޓާތަކުން ނުލިބޭ ޚިދުމަތްތައްކަމަށްވާ އެމްއާރުއައި، ސީޓީ ސްކޭން އަދި ޑައިލިސިސްގެ ޚިދުމަތް ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށިގެން ދާނެ ކަމަށް. ހަމައެއާއެކު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މި ތަންތަނުގައި ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ކުރިއަށް އެބަ ގެންދަން." ޑރ.ޚަލީލު ވިދާޅުވިއެވެ.

މި ޚިދުމަތްތައް ތައާރަފުކުރެވި، ސަރަހައްދީ އަދި އަތޮޅު ހޮސްޕިޓާތަކުން ލިބޭ ޚިދުމަތްތައް އިތުރުކުރެވުމުން މިހާރު ޚިދުމަތް ހޯދުމަށް މާލެއަށް މީހުން އަންނަ މިންވަރު މަދުވެގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ޑައިލިސިސްގެ ޚިދުމަތް ލިބެނީ މާލެ ސަރަހައްދުގެ ހޮސްޕިޓާތަކާއި ސަރަހައްދީ ހޮސްޕިޓާތަކުގެ އިތުރަށް މަދު އަތޮޅު ހޮސްޕިޓާތަކަކުންނެވެ.

advertisement
ހިޔާލު ދެއްވާ!