ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ:ދިޔަރެސް

ސަރުކާރާ ޙަވާލުވިއިރު އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ ދައުލަތުން ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ އޮތުން: ރައީސް

ސަރުކާރާ ޙަވާލުވި އިރު އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ މަސައްކަތްތެރި ކުންފުނިތަކާއި ފަރުދުންނަށް ދައުލަތުން ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގަ އެވެ.

އެމަނިކުފާނު ވިދާޅުވީ އޭގެ ސަބަބުން އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި، ހިންގުމުގެ ޚަރަދުތައް ނުކުރެވި، ޤައުމުގެ އިޤްތިޞާދު ފުން އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށެވެ.

ހަމައެހެންމެ އާމްދަނީ ލިބެމުންދާ މިންވަރަކުން ދަރަނި ދެއްކުމަށް ސަރުކާރުން އިސްކަން ދެއްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމުގެ ތަރައްގީ އާއި ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާދާރުންނަކީ މަސައްކަތްތެރިން ކަމަށާއި ސަރުކާރުން ފަށާފައިވާ އުއްމީދީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ އަދި ޢަޒުމަކީ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާއެކު، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި 5 އަހަރުގެ ތެރޭގައި ހޯދައިދިނުމެވެ." ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!