ސަރުކާރުގައި ޚިދުމަތް ކުރެވޭ ޢުމުރު 75 އަށް ހަދައިދޭނަން: ރައީސް

ސަރުކާރުގައި ޚިދުމަތް ކުރެވޭ ޢުމުރު 75 އަށް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުން ހަވާސާ ވިޔަނުދީ، އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުޞަތު ހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށެވެ.

އަދި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ މަސައްކަތްތެރިންނަށް ބޯހިޔާވަހިކަމުގެ ޚާއްސަ ސްކީމެއް ތައާރަފު ކުރުމާއި މަސައްކަތުގެ މާޙައުލުގައި ރައްކާތެރިކަން ކަށަވަރު ކުރުމާއި މަސައްކަތުގައި ކުރިއަށްދިއުމަށް ލުއި ލޯނު ދިނުމާއި އާމްދަނީ ލިބޭނެ މާކެޓުތައް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިކަންކަން ސަރުކާރުން މިހާރު ފަށާފައިވާ ކަމަށާއި ޤައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަންކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ހިނގަމުންދާ އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް، އައު ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އައު އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، ބޮޑެތި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަޤްވާމީ މާރުކޭޓުތަކުން ފުރުޞަތު ލިބި، ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ޤައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!