ރިވާޔާ ނިއުސްގެ ވެބްސައިޓް ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.
ސޮލައިޓް ރެސްޓޯރެންޓްގައި ބޭއްވުނު ޙަފްލާއެއްފައި ރިވާޔާ ނިއުސް އިފްތިތާޙް ކޮށްދެއްވީ ދިވެހިބަހާއި ޘަޤާފަތާއި، ތަރިކަ އާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެވެ
ޤުރުއާނުގެ ބަރަކާރުން މި ޙަފްލާ ފައްޓަވައިދެއްވީ އަލްޤާރީ އަޝްރަޤް ނާޡިރު އެވެ.

މިޙަފްލާ ތަޢާރަފުކުރުމާއި މަރުޙަބާ ދެންނެވުމުގެ ގޮތުން ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރ ޢާއިދާ ޢަބްދުލްހަކީމް ދެއްކި ވާހަކާގައި، ރިވާޔާ ނިއުސް ވުޖޫދުވެގެން އައި ސަބަބާ ގުޅޭގޮތުން ބައެއް ވާހަކަތައް ޙިއްސާކުރެއްވިއެވެ.
ޢާއިދާ ވިދާޅުވީ ނޫސްތަކުގައި މަސައްކަތް ކުރެއްވިއިރު، ބޭނުންވާގޮތަށް ލިޔުމުގެ ފުރިހަމަ މިނިވަންކަން ނުލިބޭކަމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލެވިފައިވިޔަސް، އެޙައްޤުގެ ބޭނުންކުރުމުގައި ހުރަސްތަކެއް ހުރިކަމަށެވެ. އެކަމުގެ ސަބަބުން ހިތުގައި އުފެދުނު އުދާސްތަކާއި، ނުތަނަވަސްކަމުގެ ޝުޢޫރުތައް އެހެން ނޫސްވެރިން ތަޖުރިބާކުރަން ބޭނުންނުވުމަކީ ނޫހެއް އުފަންކުރުމުގެ އެއް ސަބަބުކަމުގައި ޢާއިދާ ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑަށް ނުލިބުނު ފުރުޞަތު އެހެން ނޫސްވެރިންނަށް ހޯދައިދޭން. ކޮންމެ ޒާތެއްގެ ކޮންމެ ވައްތަރެއްގެ މައްސަލައަކަށްވިޔަސް، ޒިންމާދާރުކަމާއެކު އެމައްސަލައަކާ ގުޅޭގޮތުން ލިޔެވޭނެ ނޫހެއް އޮތުން." އާއިދާ ވިދާޅުވިއެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި ފާހަގަކުރެެއްވީ ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށްޓަކައި ކުރި ކެމްޕެއިންގެ ތެރޭގައި ރައްޔިތުންނާއި ގާތުން ބައްދަލުވެ، އެރައްޔިތުންގެ އަޑާއި އިޙްސާސްތައް އަޑު އިވި، އެރައްޔިތުން އެދޭ އެދުންތަކާއި އެރައްޔިތުންގެ އަޑު އުފުލައިދޭނެ ގާތް އެކުވެރިއަކަށް އެރައްޔިތުން ބޭނުންވުން ކަމުގައި ވިދާޅުވިއެވެ.

ރިވާޔާ ނިއުސް އިފްތިތާޙު ކުރުމުގެ ޙަފްލާގައި ޝަރަފުވެރި މެޙްމާން އާދަމް ނަޞީރު އިބްރާހީމް ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ ރިވާޔާ ނިއުސް ފެށިގެންދާ މިދަނޑިވަޅުގައި މުޖުތަމަޢުގެ ވަރަށް ގިނަ ކަންކަމަށް "ރަނގަޅު" ބޭނުންވާކަމަށެވެ. އޭގެތެރޭގައި ދިވެހި ބަހާއި، އާއްމު އަދަބު އަޚްލާޤާއި، ތަރިކައާއި އާދަކާދައާ މެދު ދެކޭގޮތާއި، ލިޔުންތެރިކަމާއި، ކަންކަމާމެދު ވިސްނާ ވިސްނުމަށްވެސް "ރަނގަޅު ބޭނުންވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަޞީރު ވިދާޅުވީ މުޖުތަމަޢުގައި ހުރި މައްސަލަތަކާ ގުޅޭ ފުން ޙަޤީޤަތްތައް ހާމަކުރަން ޖެހޭކަމަށާއި، އެ ޙަޤީޤަތްތަކާ ގުޅޭ ޢިލްމީ ހުށަހެޅުންތައް ހުށަހެޅުމުން އެއިން މުޖުތަމަޢަށް އަސަރުކުރާނޭ ކަމަށާއި އެ އަސަރުގެ އެހީގައި އަޅުގަނޑުމެން މި އުއްމީދުކުރާ ރަނގަޅު ހެޔޮ ބަދަލު މުޖުތަމަޢަށް އަންނާނޭ ކަމުގައެވެ.
މި ޙަފްލާގައި ޝުކުރު ދެންނެވީ ރިވާޔާ ނިއުސްގެ އެޑިޓަރ އަދި ސީއޯއޯ އަޙްމަދު އަސްލަމް ޢަބްދުﷲ އެވެ.

ސޮލައިޓްގައި ކުރިޔަށްދިޔަ ޙަފްލާގައި ރިވާޔާ ނިއުސްގެ ފޭސްބުކް އަދި އިންސްޓަގްރާމް ގައި ކުރިޔަށް ގެންދިޔަ ލަކީ ޑްރޯގެ ގުރުއަތު ނެގުންވެސް އޮތެވެ. ގުރު ނަންގަވައިދެއްވީ އައިކޮމްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދެވެ. ނަސީބުވެރި ފަރާތަކަށް ހޮވުނީ އިންސްޓަގްރާމް އެކައުންޓް "ޕްރިންސެސްޒީއްކޮ" ގެ ވެރިފަރާތެވެ. އެފަރާތަށް އިނާމުގެ ގޮތުގައި 3000 ރުފިޔާ ލިބޭނެއެވެ.

ރިވާޔާ ނިއުސް އަކީ ރިވާޔާ އިންވެސްޓްމެންޓްސްގެ މަސްއޫލުވެރިކަމުގެ ދަށުން، ޢާއިދާ ޢަބްދުލްޙަކީމްގެ އެޑިޓަރު ކަމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގައި ރަޖިސްޓްރީކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
1 Comment
ތެދުވެރި ނޫހަކަށް ވާނެކަމަށް އުންމީދުކުރަން