ރައްޔިތުން ބޭނުންވާ ގޮތް ދެނެގަނެވޭނެ ގޮތެއް އޮތުން މުހިންމު: ވަޒީރު އާދަމް ޝަރީފް

ރައްޔިތުން ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރައްޔިތުން އުއްމީދުކުރާ ގޮތާއި، ރާއްޖޭގައި އޮތް ޙާލަތު ދެނެގަނެވޭނެ ގޮތެއް އޮތުން މުހިންމު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ވަޒީރު ޝަރީފު މިފަދައިން ވިދާޅުވީ އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ހުރިހާ ރަށެއްގައި ދިިރިއުޅޭ މީހުންނަށާއި ބައިނަލްއަޤުވާމީ ދުނިޔެއަށްވެސް އެކި ރަށްރަށުގެ ޙާލަތާއި އެރަށެއްގައި ކަންތައް ހުރި ނެތް ގޮތް ދެނެގަނެވޭނެ ގޮތް ވުމަކީ މުހިންމު ކަމެއް ކަމަށްވެސް ވަޒީރު ޝަރީފު ވިދާޅުވިއެވެ.

އަދި މާނަހުރި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގައި ރައްޔިތުންގެ ހުރި އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް"ގެ ނަމުގައި ސަރުކާރުން ޚާއްޞަ މަސައްކަތެއް ފައްޓަން ނިންމާފައިވާ ކަމަށް ވަޒީރު ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދަނީ ރާއްޖޭގެ ގިނަ ފަރާތްތަކާއެކު މަޝްވަރާތައް ކުރުމަށްފަހުގައި ކަމަށާއި ކަމާ ގުޅޭ ފަރާތްތަކުގެ ލަފާގެ ދަށުން އެ މަސައްކަތުގެ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށާއި އެ މަސައްކަތުގެ ސަބަބުން ރަށްރަށުގެ ޙާލަތު ވަރަށް ރަނގަޅަށް އެނގިގެން ދާނެ ކަމަށެވެ.

އެ މަސައްކަތް މި އަހަރު ތެރޭ ފެށިގެން އަންނަ އަހަރުތެރޭ ތަންފީޒުކުރަން ފެށޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!