ޑެންގޫ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލްކުރުމުގައި ރަށްރަށުގެ ކައުންސިލްތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ވަޒީރު ޝަރީފު މިފަދައިން ވިދާޅުވީ އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރާއްޖޭގައި މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް މިދުވަސްވަރު އިތުރުވެފައިވާތީ، އެކަމަށް އަލިއަޅުއްވާލައްވަމުން ޝަރީފު ވިދާޅުވީ ރާއްޖޭގައި މިވަގުތުވެސް ޑެންގޫއާއި ޗިކުންގުންޔާގެ ފެތުރޭތީ ކައުންސިލްތަކުގައި ޕްރައިމަރީ ހެލްތު ކެއަރ އަދި ޞިއްޙީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ޚިދުމަތްތައް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.
އަދި އެކަންކަން ރަނގަޅުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއްކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
"މިކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައި އަދާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ފަރާތަކަށް އޮންނާނީ ސިޓީ ކައުންސިލްތަކާއި އަދި ރަށްރަށުގެ ރަށު ކައުންސިލްތައް. އެހެންވީމަ އެ ކައުންސިލްތަކުގައި ޕްރައިމަރީ ހެލްތް ކެއަރ އަދި ޞިއްޙީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ޚިދުމަތްތައް ދިނުމުގައި ހުރި ގޮންޖެހުންތަކާއި އެކަންކަން ރަނގަޅުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ކައުންސިލްތަކުން މި ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި އެކަންކަމަށް މަގުފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.