ސަބަބެއްނެތި ފިރިމީހާގެ ކިބައިން ވަރިއަށްއެދޭ ކޮންމެ އަންހެނަކަށް ސުވަރުގޭގެ ވަސްވެސް ޙަރާމްވެގެންވޭ!

ސަބަބެއްނެތި ފިރިމީހާގެ ކިބައިން ވަރިއަށްއެދޭ ކޮންމެ އަންހެނަކަށް ސުވަރުގޭގެ ވަސްވެސް ޙަރާމްވެގެންވާ ކަމަށް ރަސޫލުﷲ ޞ.ޢ.ވ. ޙަދީސް ކުރެއްވި ކަމަށް މިއަދު ދެއްވި ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ވަރީގެ މައްޗަށް އަލިއަޅުވާލައްވާ މިއަދު ދެއްވި ޚުޠުބާގައި ބުނެފައިވަނީ ކައިވެންޏަކީ މާތްﷲ ދެއްވާ ނިޢުމަތެއް ކަމަށާއި އެއީ އެކަލާނގެ ލައްވާ ރަޙުމަތެއް ކަމަށެވެ. އަދި އެއީ އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ހެތްކެއް ކަމަށް ވެސް ޚުޠުބާގައިވެއެވެ.

ޚުޠުބާގައި ވިދާޅުވީ ކައިވެންޏަށް މާތްﷲ ނަންދެއްވާފައިވަނީ "ގަދަފަދަވެގެންވާ ޢަޙުދު" ގެ ނަމުން ކަމަށާއި އަނބިމީހާއާއި ފިރިމީހާވެސް ކާވެނީގެ ޢަޙުދަށް ރައްކާތެރި ވާންޖެހޭނެ ކަމަށާއި އެކަކު އަނެކަކުގެ ޙައްޤުތަކަށް  ރައްކާތެރިވާން ޖެހޭނެ ކަމަށެވެ.

ބައެއް ފިރިން އެ ގަދަފަދަވެގެންވާ ޢަޙުދާއިމެދު ފަރުވާ ކުޑަކޮށްް މާތްﷲ ދެއްވި ނިޢުމަތަށް ފުރަގަސްދީ ވަރި، މިބަހަށް ފަރުވާ ކުޑަކޮށް، އަނބިމީހާގެ ބޯމައްޗަށް ދިއްކުރާ ހަތިޔާރަކަށް މި ބަސް ހަދައި ހުރިހާ ހިނދެއްގައި އަނބިންނަށް އިންޒާރުދެމުން ގެންދާ ކަމަށާއި އިސްލާމްދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރު ދިނުމަށް ނޫންކަމަށް ޚުޠުބާގައިވެއެވެ.

އާންމުކޮށް ވަރިކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުމާއި ހަޑިހުތުރުބަހުން ވާހަކަދެއްކުމާއި ޒުވާބުކުރުމާއި ތަޅައި އަނިޔާކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ޝައްކުކުރުމާއި އިތުބާރު ނުކުރުމާއި ޒިންމާދާރުކަން ކުޑަވުމާއި މިޒާޖު ތަފާތުވުމާއި ދޮގުވާހަކަތައް ދައްކާ ބަދުނާމު ކުރުމާއި ޢާއިލީ ގުޅުންތައް ނުބޭއްވުމާއި ދީނީ ކަންކަމަށް ފަރުވާކުޑަކުރުމާއި ޙައްޤުތައް ބަރާބަރަށް އަދާ ނުކުރުމާއި ޤަވާޢިދުން ޚަރަދު ނުކުރުމާއި ދަރިން ކުރިމަތީ ތަޅައި އަނިޔާކުރުން ހިމެނޭ ކަމަށް ފެމެލީ ކޯޓުގެ މަޢުލޫމާތުތަކުން އެނގޭ ކަމަށް ޚުޠުބާގައިވެއެވެ.

advertisement
ހިޔާލު ދެއްވާ!