ޣައްޒާގައި ވަގުތީ ފާލަމެއް އަޅަން ގޮސް ތިބި އެމެރިކާ ސިފައިންނަށް ޙަމާސްއިން ހަމަލާދޭން އުޅޭ ކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައި ނުވާކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވެއްޖެ އެވެ.
އެމެރިކާ ސިފައިން ޣައްޒާގެ ބަނދަރު ސަރަހައްދަށް ފައިބާ އުޅުނު ނަމަވެސް ޣައްޒާގެ ތެރެއަށް ނުވަންނާނެ ކަމަށް އޮސްޓިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒުރޭލުން ޣައްޒާގައި ހިންގާ އެއްވެސް އޮޕަރޭޝަނެއްގައި އެމެރިކާ ސިފައިން ބައިވެރިނުވާނެ ކަމަށެވެ.
ހަވާއީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ސުވާލުކުރުމުން އޮސްޓިން ވިދާޅުވީ އެ ކަމާ ގުޅުހުން ހުރި އިންޓެލިޖެންސް މަޢުލޫމާތެއް ލިބިވަޑައިގެންފައި ނެތް ކަމަށެވެ. އަދި އެމެރިކާ ސިފައިންނަށް ޙަމަލާދިނުމަށް ޙަމާސްއިން އެއްވެސް ގޮތަކަށް ރޭވުމެއް ރާވާކަންވެސް އެނގިވަޑައިގެންފައި ނުވާކަމަށެވެ.
ވަޒީރު ވިދާޅުވީ އެމެރިކާ ސިފައިން ޣައްޒާގައި ފާލަމެއް އަޅަނީ ޣައްޒާގެ ރައްޔިތުންނަށްޓަކައި ކަމަށެވެ. މިހެން ކަން އޮތުމުން ހަމާސްއިން އެކަމަށް ހުރަސް އަޅާފާނެކަމަށް ޤަބޫލުނުކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެމެރިކާގެ އަސްކަރިއްޔާ އިން ޣައްޒާގެ ބަނދަރުގައި އަޅަމުން ގެންދާ ވަގުތީ ފާލަމުގެ 50 ޕަސެންޓް އޮތީ ނިމިފަ އެވެ. ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ބަނދަރުގެ މަސައްކަތްތައް މުޅިން ނިންމައި ބޭނުންކުރަން ފަށާނެ ކަމަށްވެސް ޕެންޓަގަނުން ބުނެ އެވެ.