Imaam, Scholars
ސައޫދީ ޢަރަބިއްޔާއަށް ދާ އިމާމުންގެ ޓީމް އެއަރޕޯރޓުގައި... ފޮޓޯ: މިނިސްޓްރީ

އިމާމުންނާއި ޚަޠީބުންގެ 18 މީހަކު ތަމްރީން ހޯދުމަށް ސަޢުދީ ޢަރަބިއްޔާއަށް ފުރައިފި

ޢިލްމުވެރިންނާއި އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ދެވަނަ ބުރުގެ ބައިވެރިން މިއަދު ފުރައިފިއެވެ.

ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ފުރާ ދެވަނަ ބުރުގައި 18 ބޭފުޅުން ބައިވެރިވެއެވެ. 2 ހަފްތާގެ މުއްދަތަށް 03 މެއި 2024 އިން 17 މެއި 2024 އަށް ކުރިއަށްދާ މިދަތުރުގައި ޢިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ޚާއްސަ ތަންތަނަށް ޒިޔާރަތްކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން ޢިލްމުވެރިންނާއި އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢު ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.

އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ފެބްރުއަރީ މަހުގެ ތެރޭގައި ފުރަތަމަ ބުރުގެ ބައިވެރިންވަނީ ސަޢުދީ ޢަރަބިއްޔާއަށް ގޮސް ތަމްރީން ހޯދާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ސަޢުދީ ޢަރަބިއްޔާގެ އިތުރުން މިޞްރު، މެލޭޝިޔާ، އަދި ބުރޫނާއިގެ އިތުރުން އިންޑޮނޭޝިޔާއަށްވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ.

އިމާމުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ގއ. އަތޮޅުގެ ރަށްތަކުން 64 އިމާމުންނާއި ޚަތީބުން ވަނީ ތަމްރީންކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ހުރިހާ އިމާމުން ތަމްރީންކޮށް ނިންމާލުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

advertisement
ހިޔާލު ދެއްވާ!