އަހަރުގެ މިހާތަނަށް އައިއިރު 100 ޒުވާން ޚަޠީބުން ތަމްރީންކުރެވި ނެރެވިފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ ޝަހީމްގެ މޭސްތިރިކަމުގައި ކުރިޔަށް ގެންދަވާ އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢުގެ ތެރެއިން މިހާތަނަށް 100 ޒުވާން ޚަޠީބުން ނެރެވިފައިވާކަން މިނިސްޓްރީން ހާމަކޮށްފައިވަނީ "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އިމާމުންނާއި ޚަޠީބުން – މެއި 2024 pic.twitter.com/OlEz9sRzXp
— Ministry of Islamic Affairs (@MVIaffairs) May 4, 2024
ތަމްރީނު ކުރެވުނު ޒުވާން ޚަޠީބުން މިހާރު ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމާމުވެ ނަމާދުކުރަމުންނެވެ. އެގޮތުން މާލޭ ސިޓީގެ ބޮޑެތި މިސްކިތްތަކުގައިވެސް ޒުވާން ޚަޠީބުން އިމާމުވެ ހުކުރުވެސް ކުރެއެވެ.

އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިޔަށް ގެންދަނީ މައިގަނޑު 3 ބައެކެވެ. އެއީ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީން ހޯދައިދިނުމާއި، އިމާމުންނަށް ރާއްޖޭގައި އިތުރު ތަމްރީން ދިނުމާއި ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ.
މިޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 40 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވިފައިވާކަންވެސް އެމިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓްގައި ވަނީ ހާމަކޮށްފައެވެ.
އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ދެވަނަ ބުރުގެ 18 ބައިވެރިން މިހާރު ދަނީ ސަޢޫދީ ޢަރަބިއްޔާގައި ތަމްރީންތައް ފުރިހަމަކުރަމުންނެވެ. ފުރަތަމަ ބުރުގެ ބައިވެރިން ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއަށް ގޮސް ތަމްރީން ހޯދާފައެވެ.
މިނިސްޓްރީގެ ޕޯސްޓްގައިވާ ގޮތުން، މިހާތަނަށް އިމާމުން ތަމްރީން ކުރުމުގެ އާ މަންހަޖުގެ ދަށުން 100 އިމާމުންނަށް ވަނީ ތަމްރީން ދެވިފައެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން ޢިލްމުވެރިންނާއި އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢު ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.