ސަރުކާރަށް ޖެއްސުންކުރާ މަޖިލީހެއް އޮވެގެން މަޝްރޫޢުތައް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއު އެއްގައެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް މަޝްރޫޢުތައް ހިންގުމަށް އެންމެ ފަސޭހަވާނީ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހެއް އޮވެގެން ކަމަށެވެ.
އަދި މަޖިލީހުން ޒިންމާދާރުކަމާއެކީ ބިލްތަކަށް ބަހުސްކޮށް މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް އަވަހަށް ނިންމަންޖެހޭ ކަމަށާއި އެހެންނަމަވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު މިހާރު އޮތް މަޖިލީހުން ފެނުނީ ސަރުކާރަށް ޖެއްސުންކޮށް ކަންކަން ލަސްކުރާ މަންޒަރުކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނާއިބު ރައީސް ވިދާޅުވީ މި ނިމިގެންދާ މަޖިލީހުން މަސައްކަތްކުރަމުން އައީ ސަރުކާރުގެ މަޝްރޫޢުތަކާއި މަސައްކަތްތައް ހުއްޓުވާލަން ކަމަށެވެ.
އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތާއި ވިސްނުންފުޅުގެ ސަބަބުން މިއަހަރުގެ ބަޖެޓުގައި ނުހިމަނާހުރި ބައެއް މަޝްރޫޢުތައްވެސް ފައްޓަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނާއިބު ރައީސް ވިދާޅުވީ މަޖިލީހުގެ އެއްބާރުލުން ނުލިބުނު ނަމަވެސް ރައްޔިތުންނަށް ބޭނުންވެފައިހުރި ގިނަ ކަންކަން ނިންމަވާ ގިނަ ކަންކަން މިހާރު ހުރީ ތަންފީޒީ މަރުޙަލާގައި ކަމަށެވެ.