ބްރެޒިލްގެ ދެކުނު ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ 37 މީހުން މަރުވެއްޖެއެވެ.
ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ރިއޯ ގްރަންޖެ ދު ސޯ ސްޓޭޓުން 37 މީހުން މަރުވެފައިވާއިރު 47 މީހުން ވީނުވީއެއް ނޭންގި ގެއްލިފައިވާކަމަށް މީޑިއާތަކުން މަޢުލޫމާތު ލިބެއެވެ.
މަރުވި މީހުންގެ ޢަދަދު އިތުރުވުން އެކަށީގެންވާ ކަމަށާއި އެ ސަރަހައްދުގައި ދިރިއުޅޭ 17,000 އަށްވުރެ ގިނަ މީހުން ގެދޮރު ނެތިފައިވާ ކަމަށްވެސް އެސަރަހައްދުގެ އޮފިޝަލުން ބުނެއެވެ.
އެސަރަހައްދުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، މަގުތަކުގައި ވަނީ ކޯރު ހެދިފައެވެ. އަދި ބުރިޖުތަކާއި މަގުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިހާދިސާގެ ސަބަބުން ކަރަންޓު ކެނޑި މުއާސަލާތީ ހިދުމަތްވެސް ވަނީ ކެނޑިފައެވެ. އެއާއެކު އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ވަނީ އިރުޝާދު ދީފައެވެ.
ހިއޮ ގްރަންޖެ ދު ސޯގެ ގަވަރުނަރު އެދުއާރްދޯ ލެއީޗި ވިދާޅުވީ ފެންބޮޑުވުމާ ގުޅިގެން އެ ސްޓޭޓަށް ވަރަށް ނުރައްކާތެރި ޙާލަތެއް މެދުވެރިވެފައިވާ ކަމަށާއި ގެއްލުން ލިބިފައިވާ ސަރަޙައްދުތަކުގެ ހާލަތު ބަލަމުންދާ ކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ބްރެޒިލަށް ދިމާވި ގުދުރަތީ ހާދިސާތަކުގައި 75 މީހުން ވަނީ މަރުވެފައެވެ.