ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އުޅޭ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފި

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އަންހެނަކަށް ވެގެން އުޅޭ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

މުހައްމަދު ނަބީލްގެ ނަމުގައި ޓިކްޓޮކް ގައި ޙަރަކާތްތެރިވާ މި ދިވެހި ފިރިހެނާއަކީ މީގެ ކުރިންވެސް ހަމަ މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

އެފަހަރު އޭނާ ހައްޔަރުކޮށް އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު އުފެއްދުމުގެ ދަޢުވާ ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލާފައެވެ.

ދައުލަތުން އުފުލި ދަޢުވާއަށް ނަބީލް އިންކާރުކުރި ނަމަވެސް ކޯޓުން ވަނީ އެއް އަހަރާއި އެއް މަސް ދުވަހުގެ މުއްދަތަށް އޭނާ ޖަލަށްލުމަށް ޙުކުމްކޮށްފައެވެ.

މިއަދު އަލުން އޭނާ  ހައްޔަރުކޮށްފައި މިވަނީ މިނިވަންވުމަށްފަހު އަނެއްކާވެސް އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދަމުންދާތީ ގިނަ ބަޔަކު އެކަމާ ޝަކުވާކޮށް ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ޙިއްސާކުރަމުންދާ ދަނޑިވަޅެއްގައެވެ.

ނަބީލް ހައްޔަރުކުރި މައްސަލާގައި ވާހަކަދައްކަމުން ފުލުހުން ބުނެފައިވަނީ ޢާއްމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯ ޝާއިއުކުރަމުން ދިޔަ 39 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފިރިހެނަކު އަންހެން ހެދުން އަޅައިގެން އުޅުނު މައްސަލާގައި، ޢާއްމު މިންގަނޑުތަކާ ޚިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވާއިރު، ފިރިހެނުން އަންހެން ހެދުން އެޅުމާއި އަންހެނުން ފިރިހެން ހެދުން އެޅުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެކެވެ.

ކީރިތި ރަސޫލާ ޙަަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަށް މާތް ﷲ ލަޢުނަތް ލެއްވިއެވެ."

ފިރިހެނުން އަންހެން ހެދުންލުމާއި އަންހެނުން ފިރިހެން ހެދުން ލުން ޢާންމުވެފައިވާ މިޒަމާނުގައި އެއީ މާބޮޑު ކަމެއްކަމަށް މީހުން ނުދެކެއެވެ. އެހެންނަމަވެސް، ކައު އިތުރު ރަސޫލާ މުޙައްމަދު ﷺ ކަނޑައެޅިގެން މަނާކުރައްވަވާފައިވާ އެއްވެސް ކަމެއް އެއީ ހުއްދަ ކަމަކަށް ނުހެދޭނެއެވެ. އަދި ރަސޫލާ ﷺ މަނާ ކުރައްވަވާފައިވާ ކަމެއް ކުރަން ހުއްދަ ދެވޭނެ މީހަކުވެސް ނުހުންނާނެއެވެ. އަދި އަމިއްލައަށް ހުއްދަ ކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ.

advertisement
ހިޔާލު ދެއްވާ!