މިއަދު ކުރިޔަށްދިޔަ 6 ކައުންސިލުގެ ބައި-އިލެކްޝަންތަކުގެ ނަތީޖާ ދައްކާގޮތުން ޑިމޮކްރެޓްސް އިން ސިޔާސީ ފުރަތަމަ ގޮނޑި ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުތަކުގައި 6 ގޮނޑިއަށް މެމްބަރުން އިންތިޚާބު ކޮށްފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އިން ވަނީ 4 ގޮނޑި ކާމިޔާބު ކޮށްފައެވެ. ބާކީ 2 ގޮނޑި ލިބުނީ އެމްޑީޕީއަށާއި ޑިމޮކްރެޓްސް އަށެވެ.
ބައި އިލެކްޝަންތައް ކުރިޔަށް ގޮސްފައިވަނީ މ. މަޑުއްވަރި, ނ. ނިލަންދޫ, ނ. ވެލިދޫ, ހއ. ތަކަންދޫ އަދި ހއ. އުތީމުގައެވެ.
2 ކެންޑިޑޭޓުން ވާދަކުރި މަޑުއްވަރީ ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ 194 ވޯޓާއެކު ޑިމޮކްރެޓްސްގެ މުޙައްމަދު އާސިމް އަލީއެވެ. އޭނާއާ ވާދަކުރީ ކޮންގްރެސް ޕާޓީގެ ޢަބްދުالله ޢަލީއަށް ލިބުނީ 144 ވޯޓެވެ.
ނ. ވެލިދޫ ކައުންސިލަށްވެސް ކުރިމަތިލީ ދެ ކެނޑިޑޭޓުންނެވެ. އެއީ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ޢަބްދުالله ޢަބްދުއްރައްޒާޤާއި އެމްޑީޕީގެ އާމިނަތު ޝިފާޒާއެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައްޒާޤު މިއިންތިޚާބު ކާމިޔާބުކުރީ 549 ވޯޓުންނެވެ. ޝިފާޒާ އަށް ލިބުނީ 449 ވޯޓެވެ.
ރ އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ކުރިމަތިލާފައިވަނީ ކޮންގްރެސް ޕާޓީގެ ޢާއިޝަތު ސަމާޙާއާއި އެމްޑީޕީގެ ފާތިމަތު ސަމްޙާއެވެ. ސަމާޙާ އިންތިޚާބު ކާމިޔާބު ކުރީ 243 ވޯޓުންނެވެ. ސަމްޙާއަށް ލިބުނީ 78 ވޯޓެވެ.
ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް ކުރިމަތިލާފައިވަނީ އެމްޑީޕީގެ ރަޙްމާ ޢަބްދުاللهއާއި ކޮންގްރެސް ޕާޓީގެ ސަމީނާ މުޙައްމަދެވެ. 207 ވޯޓު ހޯދައިގެން އިންތިޚާބު ކާމިޔާބުކުރީ ސަމީނާއެވެ. ރަޙްމާއަށް ލިބުނީ 174 ވޯޓެވެ.
ނ. ލަންދޫ ކައުންސިލަށް ކުރިމަތިލާފައިވަނީ އެމްޑީޕީ އަދި ކޮންގްރެސް ޕާޓީންނެވެ. އެއީ އެމްޑީޕީން ޢަބްދުالله ޢާރިފާއި ކޮންގްރެސް ޕާޓީން މުޙައްމަދު ޝުޖާޢެވެ. އެމްޑީޕީގެ ޢާރިފު އިންތިޚާބު ކާމިޔާބުކުރީ 303 ވޯޓުންނެވެ. ޝުޖާޢަށް ލިބުނީ 271 ވޯޓެވެ.
ހއ. އުތީމު ކައުންސިލް މެންބަރު ކަމަށް ކުރިމަތިލާފައިވަނީ ކޮންގްރެސްގެ އިބްރާހީމް ސުނާނާއި އެމްޑީޕީގެ މުޙައްމަދު ޢައުފެވެ. 204 ވޯޓާއެކު އިބްރާހިމް ސުނާނު އިންތިޚާބު ކާމިޔާބު ކުރިއިރު މުޙައްމަދު ޢައުފަށް ލިބުނީ 199 ވޯޓެވެ.