ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް

ދިވެހިބަހަށް އާރޯކަން ގެނައުމަށް އެންމެ ތާޒާ ފެނެއް ވެއްސޭނީ ނޫސްވެރިންގެ ގަލަމުން: ނަޞީރު

ދިވެހިބަހަށް އެންމެ ބޮޑު އާރޯކަމެއް ގެނެވޭނީ ނޫސްވެރިންގެ ގަލަމުންކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ނަޞީރު މިހެން ވިދާޅުވީ ރިވާޔާ ނޫސް އިފްތިތާޙްކުރުމަށް ހުކުރު ދުވަހުގެރޭ ސޮލައިޓް ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ދިވެހިރާއްޖޭގައި ނޫސްވެރިކަން ފެށިގެން އައިގޮތަށް އިޝާރާތް ކުރައްވާ އާދަމް ނަޞީރު ވިދާޅުވީ 1933 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ނޫސް މަޖައްލާއެއް އުފެދުނީންސުރެ، ނޫސްވެރިކަން ކުރެވެމުން އައީ ކަންކަން ރަނގަޅު ކުރުމުގެ މަޤުޞަދުގައި ކަމަށެވެ. ވީމާ އަދުގެ ނޫސްވެރިކަން ކުރަންވާނީވެސް މުޖުތަމަޢުގެ އުޅުންތަކާއި ރަށްވެހިކަމުގައި ހުރި ކަންކަން ރަނގަޅުކުރުމަށް ކަމަށެވެ.

އާދަމް ނަޞީރު ވިދާޅުވީ ނޫސްވެރިން ރަނގަޅަށް ލިޔާނަމަ، މީހުންނަށް އޭގެ ހެޔޮ އަސަރު ފޯރަމުންދާނެކަމަށާއި، ހުރިހާ ނޫހަކީ ދިވެހިބަހުގެ ހަމަތަކާއި ދިވެހިންގެ އާއްމު އަދަބު ސަދަބާއި އެއްގޮތަށް ލިޔާ ނޫސްތަކެއްނަމަ އޭގެ ހެޔޮ އަސަަރު ދިވެހި މުޖުތަމަޢުން ފެންނާނެ ކަމަށެވެ.

އާދަމް ނަޞީރު ވިދާޅުވީ ރިވާޔާ ނިއުސް ފެށިގެންދާ މިދަނޑިވަޅުގައި މުޖުތަމަޢުގެ ވަރަށް ގިނަ ކަންކަމަށް "ރަނގަޅު" ބޭނުންވާކަމަށެވެ. އެގޮތުން ދިވެހި ބަހާއި، އާއްމު އަދަބު އަޚްލާޤާއި، ތަރިކައާއި އާދަކާދައާ މެދު ދެކޭގޮތާއި، ލިޔުންތެރިކަމާއި، ކަންކަމާމެދު ވިސްނާ ވިސްނުމަށްވެސް "ރަނގަޅު" ބޭނުންވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސްތަކަށްވެސް ފުން ވިސްނުންތައް ބޭނުންވާކަމަށާއި، މުޖުތަމަޢުގައި ހުރި މައްސަލަތަކާ ގުޅޭ ފުން ޙަޤީޤަތްތައް ހާމަކުރަން ޖެހޭކަމަށާއި، އެ ޙަޤީޤަތްތަކާ ގުޅޭ ޢިލްމީ ހުށަހެޅުންތައް ހުށަހެޅުމުން އެއިން މުޖުތަމަޢަށް އަސަރުކުރާނޭ ކަމަށާއި އެ އަސަރުގެ އެހީގައި އަޅުގަނޑުމެން މި އުއްމީދުކުރާ ރަނގަޅު ހެޔޮ ބަދަލު މުޖުތަމަޢަށް އަންނާނޭ ކަމަށްވެސް އާދަމް ނަޞީރު ވިދާޅުވިއެވެ.

"ވިސްނުން ވަރަށް ތިލަކޮށް ވެސް ބޭއްވިދާނެ. ވިސްނުން ވަރަށް ހަނިކޮށްވެސް ބޭއްވިދާނެ. ވިސްނުން ވަރަށް ފުންކޮށް ފުޅާކޮށް ތަނަވަސްކޮށްވެސް ބޭއްވިދާނެ" އާދަމް ނަޞީރު ވިދާޅުވިއެވެ.

މި ޙަފްލާގައި ވާހަކަ ދައްކަވަމުން އާދަމް ނަޞީރު ވަނީ ނޫސްވެރިން ޚަބަރު ލިޔާއިރު އޭގެ ތެރެއަށް ޞައްޙަ ނޫން މަޢުލޫމާތު އިތުރު ނުކުރުމަށާއި، އަމިއްލަ ޖަޒުބާތު ޚަބަރުގެ ތެރޭގައި ނުހިމެނުނަށްވެސް އެދިވަޑައިގެންފައެވެ.

ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީނުގެ ޅެންބައިތަކަށް އިޝާރާތްކުރައްވާ އާދަމް ނަޞީރު ވިދާޅުވީ ޚަބަރަކީ ތުންތުން މަތިން އެކިގޮތްގޮތުން ފެތުރޭ ފެތުރުންތަކެއް ކަމަށާއި، ޚަބަރަކީ އެކިގޮތްގޮތަށް ފުރޮޅި އޭގެ މާނަތައް ބަދަލުވެގެންދާ އެއްޗެއް ކަމަށެވެ. އެގޮތުން ޚަބަރު ލިޔާ މީހާ އޭގެ ތެރެއަށް ޞައްޙަ ނޫން މަޢުލޫމާތާއި އޭނާގެ އަމިއްލަ ޖަޒުބާތާއި އަމިއްލާ މަސްލަޙަތާ ގުޅުންހުރި ކަންކަން ލައިފިނަމަ އެޚަބަރެއް ވެގެންދާނީ ހިތި ހަބަރަށް ކަމަށެވެ. އަދި އޭގެ ސަބަބުން މަގުފަހިވެގެންދާނީ ހަލާކަށް ކަމަށާއި މުޖުތަމަޢު ވާނީ ޚަރާބު ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!